ޚަބަރު

ގަމުން ތެޔޮ ހުސްވެ ކަރަންޓު ކެނޑުނު މައްސަލައިގައި އެރަށު އިންޖީނުގޭގެ މެނޭޖަރު ސަސްޕެންޑުކޮށްފި

ރިފާ ހަލީލު

ލ. ގަމުގައި ހުންނަ ފެނަކަ އިންޖީނުގެއިން ޑީސަލް ހުސްވެ، އެރަށުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން އެރަށު އިންޖީނުގޭގެ މެނޭޖަރު ފާރޫގު ހުސައިން ސަސްޕެންޑުކޮށްފިއެވެ.

ޑީސަލް ހުސްވުމުގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހު ވަނީ ގަމުގެ އިންޖީނުތައް ހުއްޓިފައެވެ.

ގަމު އިންޖީނުގޭގެ މެނޭޖަރު ފާރޫގު ސަސްޕެންޑުކޮށްފައިވާކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު "ވަން" އަށް މިއަދު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ސައީދު ވިދާޅުވީ ފާރޫގު ސަސްޕެންޑު ކުރީ އޭނާ އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިނުވާތީ އާއި އޭނާގެ އިހުމާލުން ތެޔޮ ހުސްވެ ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށެވެ.

ފާރޫގު ސަސްޕެންޑުކުރީ އެއްމަސް ދުވަހަށެވެ. އެހެން ނަމަވެސް މި މައްސަލަ ބަލެމަށްފަހު އޭނާގެ އިހުމާލު އޮތީ ކިހާ މިންވަރަކަށްތޯ ބަލައި އިތުރަށް ފިޔަވަޅެއް އަޅަންޖެހޭނަމަ، ފިޔަވަޅު އަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަޕްލަޔަރުން ވަރަށް ފަސޭހަ ގޮތްތަކެއް ހޯދައި ދީފަ ހުންނާނެ މޫސުން ގޯސްވެ ނޫނީ އެހެން ކަމެއް ދިމާވެގެން ތެޔޮ ފޯރުކޮށްދިނުމަށް ޑިލޭއެއް ވެއްޖެ ނަމަ. އެކަމަކު ފާރޫގު ނެތް އިރުޝާދު ކޮށްފައެއް. ވެރިއަކަށް ހުންނަ މީހާ އިހުމާލުވެ އިރުޝާދު ދީފަ ނުވާތީ ވީ ގޮތެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ގަމުން ތެޔޮ ހުސްވެ ކަރަންޓު ކެނޑިފައި އޮތީ ގަޑިއެއްހާ އިރު ކަމަށެވެ. އަދި އެ ސަރަހައްދުގައި އޮތް ތެޔޮ ބޯޓަކުން ތެޔޮ ގަނެގެން ގަޑިއެއްހާ އިރު ތެރޭ މުޅި ރަށަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ މިއީ ފެނަކައިގެ އިންޖީނުގެއެއްގައި ދުވަހަކުވެސް ހިނގާފައިވާފަދަ ކަމެއް ނޫން ކަމަށެވެ.