އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މއ. ކުރިކީލަހިޔާ އަހްމަދު ކުރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް ކުރަމުންދާ ދައުވާގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެ ހެކި ބަލައިގަތުމާ މެދު ޝަރީއަތުގެ މަރުހަލާގައި އަލުން ގޮތް ނިންމޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ އިތުރުން ކުރިކް ރިޒާގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރެއިން ސިއްރުކުރަން އެދުނު ހެކިތައް އެ ކޯޓުން ދައުލަތަށް ދިން މައްސަލައިގައި، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައަށް އެކޯޓުން މިއަދު ވަނީ ހުކުމް އިއްވައިފައެވެ.

އެ ހުކުމުގައި، ރިޒާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި، އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލައިގައި، ހައިކޯޓުން ކަނޑއަޅާފައި ވަނީ، އިބްތިދާއި މަރުހަލާގައި ހެކި ބަލައިނުގަތުމަށް ހުށަހަޅައިފިނަމަ ކޯޓުން އަމަލު ކުރަންޖެހޭ ގޮތަކީ، އެކަންކަމަށް މަތިމަތިން ނަޒަރު ކުރުމަށް ފަހު، ހެއްކަކީ ގުޅުންހުރި ހެއްކެއްނަމަ ޝަރީއަތުގެ މަރުހަލާގައި އެކަންކަމާ މެދު ގޮތެއް ނިންމުން ކަމަށެވެ.

އެހެންކަމުން ހެކިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.