ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާތީ ސަމާލުވާން އެދިއްޖެއެވެ.

ބީއެމްއެލުން މިއަދު ބުނީމި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި, އެއަށް ފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ފަސް ދުވަސްތެރޭ ދެ ކަސްޓަމަރެއްގެ އަތުން 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

"މި މައްސަލަތަކަށް ބަލާއިރު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ގަބޫލުކުރެވޭ ވާހަކަދައްކާ. އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ. އަދި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާއި ވާހަކަދައްކައިގެން ހޯދާފައި އެބަހުރި. އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަދުމަފުޅު ބެހެއްޓެވުމަށްވެސް ދަންނަވަން." ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާވެސް ނުލިބޭކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހަޅާފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.