ގެއިން ނެރެ މަގުމަތިކޮށްލި ތިން މައިންނަށް ބޭނުންވާ ވަރަށް ފައިސާގެ އެހީތެރިކަން ލިބިއްޖެ ކަމަށް އެ އާއިލާއަށް އެހީތެރިކަން ހޯދަން ހުޅުވާލި މަމްސް އެއިޑް ޖަމިއްޔާއިން ބުނެފިއެވެ.

އެ ތިން މައިން މަގުމަތިވެފައިވާ ފޮޓޯތަކާއެކު މަމްސް އެއިޑުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އެތައް އަހަރެއް ހޭދަކޮށްފައިވާ އަންހެނަކު، އޭނާގެ ފިރިމީހާ ކައިރިން ވަރިވުމަށްފަހުވެސް ވަކިން އުޅެވޭނެ އެހެން ގޮތެއް ނެތުމުން އުޅެމުން އައީ ފިރިމީހާގެ ގޭގައި ހުރި ކުޑަކޮޓަރިއެއްގައި ކަމަށެވެ. އެ ކޮޓަގަރިން ބައެއް ފަހަރު ހުންނަނީ ކަރަންޓު އަދި ފާހާނައިން ހުންނަނީ ފެން ކަނޑާލާފައި ކަމަށްވެސް ބުންޏެވެ.

އެ ހާލުގައި އުޅެމުން ދަނިކޮށް ފިރިމީހާ، އޭނާގެ ދެ ދަރިންނާއެކު އަންހެން މީހާ މިއަދު ގެއިން ނެރެލުމުން އެ ތިން މައިންނަށް އެހީތެރިކަން ފޯރުކޮށްދޭން މަމްސް އެއިޑުން ހުޅުވާލިއެވެ.

މަމަސް އެއިޑުން މިރޭ ބުނީ، އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލިތާ ތިން ގަޑިއިރުގެ ތެރޭގައި އެ ތިން މައިންނަށް ބޭނުންވާ ފައިސާ އާއި ތަކެތީގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެހެންވެ މި ވަގުތަށް ފައިސާ ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.

މަމްސް އެއިޑުން ބުނީ، ފަންޑު ބޭނުން ކުރާނީ އުޅޭނެ ތަނެއް ކުއްޔަށް ނެގުމާއި އެޑުވާންސް ދެއްކުމާއި ފަރުނީޗަރު ގަތުމަށާއި ކުދިންނަށް ބޭނުންވާ ތަކެތި އަދި ކާބޯތަކެތި ގަތުމަށް ކަމަށެވެ.