އދ. ދިގުރަށުން 2،000 އަކަ ފޫޓުގެ 77 ގޯތި ދޫކުރުމަށް ނިންމައި ގޯޗަށް އެދޭ ފޯމު ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
ދިގުރަށު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އެރަށުން 2،000 އަކަ ފޫޓުގެ 77 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 13:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ފޯމު ހުށަހަޅަން ޖެހެނީ އެރަށު ކައުންސިލް އިދާރާއަށެވެ.
ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ފޯމް ދޫކުރުން އޮންނާނީ ހެނދުނު 09:30 އިން 10:30 އާ ދެމެދު އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:45 އިން މެންދުރު 12:30 އަށެވެ. އަދި އޭގެ ފަހުން ގޯއްޗަށް އެދޭ ފޯމު ދޫކުރުން އޮންނާނީ ހެނދުނު 8:30 އިން 10:00 އާ ދެމެދު އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:15 އިން މެންދުރު 13:00 އަށް ކަމަށްވެސް ކައުންސިލްގެ އިއުލާނުގައިވެއެވެ.
ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުމެވެ. އަދި އެފަދަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަަކު އެ ބައެއް ނުވަތަ ފުލެޓެއް ދޫކޮށްލުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރެޖިސްޓަރީކޮށްފައި ނެތުންވެސް ހިމެނެއެވެ. އެފަދަ ފްލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން ހިމެނެއެވެ.
ގޯއްޗަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައިވެއެވެ. ޕްރިންޓު ކޮށްފައިވާ ފޯމު ކައުންސިލު އިދާރާ އިން ލިބޭނީ 10 ރުފިޔާއަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.