އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އުމްރާވެރީން އަންނަ އަންގާރަ ދުވަހު ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

ސަފާ ގްރޫޕުގެ އުމްރާވެރިން އިއްޔެ އުމްރާއަށް ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ވިސާ ހަމަނުޖެހިގެން ވަނީ ފަހުވަގުތު ދަތުރު ކެންސަލްކޮށްފައެވެ. ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ތިބި މީހުން ފުރުމަށް ހަމަޖެހިފައި އޮތީ އިއްޔެ މެންދުރުފަހު 2:00 ގައެވެ. ނަމަވެސް އެ މީހުންނަށް ވިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން ނުފުރޭނެކަން އެންގީ ރޭ ފަތިހު 5:51 ގައެވެ. ސަފާ ގުރޫޕުގެ ހަވާލުގައި އިއްޔެ އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ 181 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އިއްޔެ އެ މައްސަލަ ބަލައި، ސަފާ ގްރޫޕް މެދުވެރިކޮށް މިއަހަރުގެ ރޯދަމަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައި ނުފުރުނު މީހުން ވީހާވެސް އަވަހަކަށް މި ރޯދަ މަސް ތެރޭގައި އުމްރާއަށް ފޮނުވުމަށް އަންގައިފައެވެ.

އެކަމާ ގުޅޭގޮތުން ސަފާ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގްރޫޕުގެ އުމްރާވެރިން ރަމަޟާންމަހުގެ 20 ވަނަ ދުވަހު އުމްރާއަށް ފުރުވާލެވޭނެ ކަމަށާއި ކުރީން ހަމަޖެހިފައިވާ ތާރީހުގައި އުމްރާވެރީން އުމްރާއަށް ފުރުވައިނުލެވުނީ ވިސާ ނުލިބިގެން ކަމަށެވެ. އަދި އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ އެ ގްރޫޕުގެ ވިސްނުމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ވިސާގެ ކަންކަމުގައި ސައޫދީން މުއާމަލާތު ކުރަމުންދިޔަ އޭޖެންސީން ވިސާ ލިބިފައިވާ ކަމަށް އަބަދުވެސް ބުނަމުން ދިޔަ ކަމަށާއި އެންމެ ފަހުވަގުތާ ޖެހެންދެންވެސް އޭޖޭންސީން އެ ޔަގީންކަން ދިން ކަމަށެވެ. އަދި އުމްރާވެރީންނަށް އެކަން ދުރާލައި ނޭންގުނީ ސައޫދީ އޭޖޭންސީން ވިސާ ލިބިފައިވާކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް ސަފާ ގްރޫޕުން ބުންޏެވެ.

"ފުރުމަށް އޮތް ދުވަހުގެ ރޭ ތިނެއް ޖަހަންދެންވެސް އަޅުގަނޑުމެން މަސައްކަތް ކުރިން. އެމީހުން ބުނީ ވިސާ ލިބިފައިވާ ކަމަށް. ލޮގިން ވުމުން ފެންނާނެ ކަމަށް. އެންމެ ފަހުވަގުތު އެމީހުން ލޮގިންގެ ޕާސްވޯޑް ވެސް ބަދަލުކޮށްލީ. އަޅުގަނޑުމެންނަކަށް ނުވަދެވުނު. އެހާ ހިސާބުން އަޅުގަނޑުމެން އުމްރާވެރީންނަށް އެންގީން ވިސާ ނުލިބޭތީ ނުފުރޭނެ ވާހަކަ،" ސަފާ ގްރޫޕުން ބުންޏެވެ.

ސަފާ ގްރޫޕުން ބުނީ ސައޫދީގެ އޭޖެންސީއެއް ކަމަށްވާ ޝަރީއަތުލް މަޝާއިރު އަށް، އުމްރާވެރީންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވާފައިވާ ކަމަށާއި، ވިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ އޭޖެންސީން ދީފައިވާ ކަމަށެވެ.

އުމްރާވެރީންގެ ޓިކެޓުގެ ކަންތައް ހަމަޖެއްސުމަށް ޓުރެވަލް ޓޫ މޯލްޑިވްސްއާ ވާހަކަ ދެއްކިފައިވާ ކަމަށާއި، ރަމަޟާންމަހު 20 ގައި އުމްރާވެރީން ފުރުވާލެވޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރުން އޮންނާނެ ކަމަށް ވެސް ސަފާ ގްރޫޕުން ބުންޏެވެ.

ސަފާ ގްރޫޕުން އިތުރަށް ބުނީ އެ ގްރޫޕުގެ ހަވާލުގައި ތިބި އުމްރާވެރީން އުމްރާއަށް ފުރުވަނީ އުމްރާވެރީންގެ އަތުން އިތުރު އެއްވެސް ފައިސާއެއް ނެގުމެއް ނެތި ކަމަށާއި ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ގްރޫޕުގެ އުމްރާވެރީންނަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.