ސަފާ ގްރޫޕް މެދުވެރިކޮށް މިއަހަރުގެ ރޯދަމަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައި ނުފުރުނު މީހުން ވީހާވެސް އަވަހަކަށް މި ރޯދަ މަސް ތެރޭގައި އުމްރާއަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ރޭ އަންގައިފިއެވެ.
އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ތިބި މީހުން ފުރުމަށް ހަމަޖެހިފައި އޮތީ އިއްޔެ މެންދުރުފަހު 2:00ގައެވެ. ނަމަވެސް އެ މީހުންނަށް ވިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން ނުފުރޭނެކަން އެންގީ ރޭ ފަތިހު 5:51 ގައެވެ. އެކަމާ ގުޅިގެން ގިނަ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަފާ ގުރޫޕުގެ ހަވާލުގައި އިއްޔެ އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ 181 މީހުންނެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން ސަފާ ގްރޫޕަށް ވިސާ ހަމަނުޖެހުނީ ސައުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށެވެ. އަދި އުމްރާ ވިސާއަކީ ތިން މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާ އިރު، އެ ކުންފުނީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖައްސާފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެއް ކަމަށާއި ސަފާ ގްރޫޕަށް ނުފުރުނީ އެކުންފުނިން ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައިނުވާތީ ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެ ވިސާއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. މިފަދަ މަތިވެރި އަޅުކަމަކަށް ދިއުމަށް ފައިސާ ދައްކައި، ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަން ފުރޭގޮތް ނުވުމަކީ ކަންބޮޑުވާ ކަމެއްކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ފައިސާ ދައްކައި ނުފުރި ތިބި މީހުންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި، ލަސްނުކޮށް ވީއެންމެ އަވަހަށް މި ރޯދަމަހު އުމްރާއަށް ފުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދިއުމަށް އެ މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުން "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" އާ އެއްގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ސަފާ ގްރޫޕުން އިއްޔެ ނެރުނު ދެންނެވުމެއްގައި ބުނީ ވިސާ ނުލިބުމުގެ ސަބަބުން ފުރަން އޮތް ދުވަހު ނުފުރުމާ ގުޅިގެން މި ރޯދަމަހުގެ ބާކީ ދުވަސްތަކުގައި ވެސް މައްކާއަށް ދިއުމަށް ފުރޭތޯ މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އެއްވެސް ކުރިމަގެއް ފެންނަން ނެތުމުގެ ސަބަބުން މި ރޯދަމަހުގެ އުމްރާ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ދަތުރާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ މީހަކަށް ވެސް އެ ޖަމާއަތުގެ ފަރާތުން ވަކިން ގުޅަމުންދާނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު