އިރުމަތީ ގުދުސްގައި ހުންނަ މާތްވެގެންވާ މަސްޖިދުލްއަގުސާއަށް އިޒްރޭލުގެ ސިފައިން ވަދެ އެތަނުގައި އަޅުކަންކުރަންތިބި ފަލަސްތީނުގެ މުސްލިމުންނަށް ބުދަދުވަހު ވަނީ ހަމަލަދީފައެވެ. އެތައްބަޔަކަށް އަނިޔާކޮށް އިތުރު އެތައްބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އިޒްރޭލުގެ ގޮތްކުޑަ އަމަލު އައިސްފައިމިވަނީ ހުރުމަތްތެރިވެގެންވާ ރަމަޟާން މައްސަރުގައެވެ. ސުލްހަޔާއި ދެނެގަތުމާއި އަޅުކަމުގެ މައްސަރުގައެވެ. ޔަހޫދީ ދައުލަތުގެ މި އަމަލަކީ ދުނިޔޭގައި ހެދިފައިވާ އެންމެހައި ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފު އުދުވާނެކެވެ. މިއީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނެއް ނޫނެވެ. މިއީ އެންމެހައި މުސްލިމުންނާ ދެކޮޅަށް ހިންގި އަމަލެކެވެ. މުޅި އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގި އުދުވާނެކެވެ. މުޅި އިސްލާމީ ދުނިޔެއިން މިކަމާ ދެކޮޅަށް ތެދުވާންޖެހިފައިވާ އަމަލެކެވެ.

އަޅުކަންކުރާ ތަންތަނަށް ހަތިޔާރާއެކުވަދެ މީހުންނަށް އަނިޔާކުރުމަކީ ދުނިޔޭގެ އެންމެހައި ގާނޫނުތައް މަނާކުރާކަމެކެވެ. އަގްސާ މިސްކިތުގެ ތެރެއަށް އިޒްރޭލުގެ ސިފައިން ވަދެގަތީ ފަތިސްނަމާދުގެ ވަގުތުގައެވެ. ފަލަސްތީނުގެ މުސްލިމުން އަޅުކަމާއިގެން މަޝްއޫލުވެގެން ތިއްބައެވެ. މިސްކިތުގެ ތެރެއަށް ވަދެ ކޮޅުފައިންނާއި ބަޑިން މީސްތަކުންގެ ގައިގައި ތަޅައި ރޯނާ ގަންނަވައި އެކަމާ ދެކޮޅަށް ޗުއްޕު ބުނި މީހަކު ވިއްޔާ ވައްޓައި ދަމައި ބިޑިއަޅުވައި ހައްޔަރުކުރިއެވެ. އެވަގުތުކޮޅަކީ ބިރުވެރި ވަގުތުކޮޅެކެވެ. އިޒްރޭލުގެ ސިފައިންގެ އަނިޔާވެރިކަން އަމާޒުވީ ވަކި އުމުރެއްގެ ވަކި ބަޔަކަށް ނޫނެވެ. މިސްކިތުގައި އެވަގުތު ތިބި ފަލަސްތީނުގެ އެންމެހައި މުސްލިމުންނަށެވެ. މުސްކުޅިންނާއި ޒުވާނުންވެސް ހިމެނޭގޮތުންނެވެ. އެތައް ބަޔަކަށް އަނިޔާވެ މިސްކިތުގެ ތެރެއަށް ލޭއޮހޮރިގެންދިޔައެވެ.

އިޒްރޭލުގެ ނުބައިކަން ބޮޑުވެގެންވާ މި އަމަލު އިސްލާމީ ދުނިޔެއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ނުފޫޒުހުރި ބޮޑެތި ގައުމުތަކާއި ފަގީރު ކުދިކުދި ގައުމުތައްވެސް ހިމެނޭ ގޮތުންނެވެ. ސައޫދީ ސަރުކާރުން މި އަމަލު ކުށްވެރިކުރުމަށް ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނޭ ކަމަށާއި އިޒްރޭލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަލްފުގެ އެހެން ގައުމުތަކުންވެސް މި އަމަލު ވަނީ ކުށްވެރިކޮށްފައެވެ. ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ. މިސްރާއި ޖޯޑަންއިންވެސް ވަނީ އިޒްރޭލުގެ އަމަލު ކުށްވެރިކޮށް ވަގުތުން ބަޔާންތައް ނެރެފައެވެ.

ބުދަދުވަހުގެ ފަތިހު އަގްސާ މިސްކިތަށްވަދެ މިބީދައިން އުދުވާން ހިންގުމަށްފަހު ހަމަ އެދުވަހު ދެވަނަ ފަހަރަށްވެސް މިސްކިތަށްވަދެ ހަމައެބީދައިން އިޒްރޭލުގެ ސިފައިންވަނީ ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާކޮށްފައެވެ. މިކަމުން ނެރެން ބޭނުންވާ ނަތީޖާއެއް އޮންނާނެއެވެ. ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް އޮންނާނެއެވެ. އެއީ ކޮން މަގުސަދެއް ބާވައެވެ. އިޒްރޭލުގައި މިހާރު އެއޮތީ އެގައުމުގެ ތާރީޚުގައިވެސް ފެނިފައިނުވާ ކަހަލަ ގޮތްކުޑަ އަނިޔާވެރި ނުބައި ސަރުކާރެކެވެ. ފަލަސްތީނު މީހުން ރުޅިއަރުވައި ކުރިމަތިލުމަކަށް ނެރެ ބޮޑުވެގެންވާ ގަތުލުއާއްމެއް ހިންގުމަކީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އާއި އޭނާގެ ހައްދުފަހަނަޅާފައިވާ ސިކިއުރިޓީ މިނިސްޓަރުގެ އަމާޒަކަށް ވެދާނެއެވެ. މީގެކުރިންވެސް މިކަހަލަ އުކުޅުތައް އެކި ސަރުކާރުތަކުން ގެންގުޅެފައިވެއެވެ.

މަސްޖިދުލް އަގުސާއަކީ އިސްލާމުންގެ ފުރަތަމަ ގިބުލައެވެ. އެއީ އިސްލާމުންގެ އެންމެ ހުރުމަތްތެރިވެގެންވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. އިރުމަތީ ގުދުސާއެކު އިޒްރޭލު ސިފައިން އަގުސާ މިސްކިތް ހިފީ 1967 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އޭގެފަހުން އިސްލާމީ އުއްމަތަށް ޖެއްސުންކޮށް މުސްލިމުން ރުޅިއަރުވައިލަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އަގުސާ މިސްކިތުގެ ހުރުމަތް ކަނޑައިލުމުގެ ކޮންމެވެސް އަމަލެއް އިޒްރޭލުން ހިންގަައެވެ. މިޒާތުގެ ކަންކަން ގިނަކުރަނީވެސް މާތްވެގެންވާ ރަމަޟާން މަހުއެވެ. ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އިޒްރޭލުން ހިންގާފައިވާ މިޒާތުގެ އަމަލުތަކަށް ބެލީމާ ރަމަޟާންމަހަކީ މިކަން ތަކުރާރުކުރުން ގިނަ މަހެއްކަން އެނގެއެވެ. މިފަދަ ކޮންމެ އުދުވާނެއްގެ ރައްދުގައި ފަލަސްތީނުގެ ރައްޔިތުންވެސް ތެދުވެގަނެއެވެ.

ބުދަދުވަހުގެ ހާދިސާތަކާ ގުޅިގެން މުޅި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން މިހާރުވަނީ ހަޅުތާލުތައް ފަށައިފައެވެ. އަދި ގާޒާގެ ތެރެއިން ހަމާސް ޖަމާއަތުންވަނީ ދިހަބާރަ ރޮކެޓް އިޒްރޭލުގެ ތެރެއަށް ފޮނުވާލައިފައެވެ. އިޒްރޭލު ބޭނުންވެގެން އުޅޭ ކަމަކީ މިއީކަމަށް ވެދާނެއެވެ. ރޮކެޓް ފޮނުވަނީއޭ ރައްކާތެރިކަމެއްނެތޭ ބުނެފައި އަނެއްކާވެސް ގާޒާއަށް އަރައި އެތަން ސުންނާފަތިކޮށް ފަލަސްތީނުގެ އެތައް ބަޔަކު ދުނިޔެއިން ވަކިކުރުމަށް ބޭނުންވަނީ ކަމަށް ވެދާނެއެވެ. އިޒްރޭލުގެ އެތެރޭގެ ސިޔާސީ އޮއިވަރު މިހާރު ހުރިގޮތުން ރައްޔިތުންގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލުމަށް ފަލަސްތީނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ބޭނުންވަނީ ކަމަށް ވެދާނެއެވެ. ތާރީޚުގެ އެކި ސަފުހާތައް ނިއުޅައިގެން ބެލީމާ މިއީ އިޒްރޭލުގެ ސިޔާސީ މީހުންގެ ވިސްނުން ދަތުރުކުރާ މަގުކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ.