ކުނި ނެގުމުގެ ފީ، ކަރަންޓު ބިލުގައި ހިމަނާފައިވާތީ މައުލޫމާތު ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މައުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެމުންގެންދާ ހިދުމަތް އަންނަ މަހުން ފެށިގެން ހުއްޓާލާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
"އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަހެޅުމުގެ މުއްދަތު 13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ހިދުމަތް ހޯއްދަވަމުން ގެންދަވާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި މި މުއްދަތުގައި މި ފޯމު ހުށަނާޅުއްވާ ފަރާތްތަކަށް މެއި 2023 އިން ފެށިގެން ހިދުމަތްދިނުން މެދުކެނޑޭނެ ވާހަކަ ހިތާމައާއެކު ދަންނަވަމަވެ..،" ވެމްކޯއިން ބުންޏެވެ.
"އިންފޮމޭޝަން އަޕްޑޭޓް ފޯމް" ހުށަހެޅުމާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 1666 ގުޅުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން ވެމްކޯއިން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބުނެފައިވަނީ ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމީ ވެމްކޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުންފުނިން ހޯދާ ބައެއް ހިދުމަތްތަކަށް ބައެއް ފަރާތްތަކުން ފައިސާ ނުދެއްކުން ކަމަށްވާތީ ކަމަށެވެ.
ވެމްކޯއަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓުތައް އެކަށީގެންވާ ވަރަށް މަރާމާތު ނުކުރެވޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުނި މެނޭޖުކުރުމަށް ވެމްކޯއަށް ދިމާވާ ގޮންޖެހުންތައް ހައްލުވާނީ ފައިސާ ލިބިގެން ކަމަށާއި މާލޭ ސަރަހައްދުގައި 53،000 އަށްވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭ އިރު، ގަވާއިދުން ވެމްކޯއަށް ފައިސާ ދައްކަނީ 20،000 ގޭބީސީއަކުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.