ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށް ބުނެ އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަދު ހެނދުނު އުމްރާއަށް ދާން ހަމަޖެހިފައިވާ މީހުންގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލްކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ސަފާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ތިބި މީހުން ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހު 2:00ގައެވެ. ނަމަވެސް އެ މީހުންނަށް ވިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން ނުފުރޭނެކަން އެންގީ ރޭ ފަތިހު 5:51ގައެވެ. އެކަމާ ގުޅިގެން ގިނަ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސަފާ ގުރޫޕުގެ ފަރާތުން އުމްރާއަށް ގެންދަން ހަމަޖެހިފައިވާ މީހުން، އުމްރާއަށް ގެންދިއުމުގައި މައްސަލަތަކެއް ދިމާވެ ނުފުރޭ ކަމުގެ ޝަކުވާ މިއަދު ލިބުމުން އެކަން ހިނގައިދިޔަ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ސަފާ ގުރޫޕުގެ ހަވާލުގައި މިއަދު އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ 181 މީހުންނެވެ.
ސަފާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް "ވަން" އަށް މިއަދު ވިދާޅުވީ ވިސާ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ފްލައިޓުން ހުރިހާ އުމްރާވެރީންނަށް ޖާގަ ނުލިބޭ ކަމަށެވެ. އަދި ޖާގަ ލިބުނުހާ އަވަހަކަށް ފުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު