އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ގާކޮށި ފުލެޓުހެ ޕާކިން ޒޯނުން ފެށިގެން ރަށްދެބައި ހިނގުމާ ހަމަޔަށް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ އެ ސަރަހައްދު ބަންދުކުރީ އަމީނީމަގުގެ ސެގްމަންޓް 5، 6، އަދި 7 ގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އާރުޑީސީން އަމީނީ މަގު ތަރައްގީކުރަނީ އެކި ސެގްމެންޓުތަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ސެގްމެންޓެއްގެ މަސައްކަތް ނިމުމުން އެ ސެގްމެންޓު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައެވެ. އެގޮތުން އާރިޑީސީން އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަގުގެ ފުރަތަމަ ތިން ސެގެމެންޓުގައި ތާރުއަޅައި މިހާރު ވަނީ ހުޅުވާލައިފައެވެ. އެއީ އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށްވާ ސަރަހައްދެވެ. އަދި ހަތަރުވަނަ ސެގްމެންޓުގެ މަސައްކަތްވެސް އާރުޑީސީން އަންނަނީ ކުރަމުންނެވެ.

އަމީނީ މަގު ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. 210 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް އާރުޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެ ކަމަށް ބުނެފައިވެއެވެ.