މިފްކޯގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެކުފުނިން ގަތް ޖަޒީރާ 103 ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.

މި ބޯޓަކީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުންޏަށް ގަތް މަސް ކިރާ ހަތަރު ބޯޓުގެ ތެރެއިން އެއް ބޯޓެވެ. މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މިއަދެ ގެނައި ޖަޒީރާ 103 އަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އަދި އެ ބޯޓަށް ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކަމަށާއި ބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެ ކަމަށް ބުންޏެވެ.

މިފްކޯއިން ގަތް އަނެއް ތިން ބޯޓާ ގުޅޭގޮތުން އެކުންފުނިން މީގެ ކުރިން ބުނެފައިވަނީ އެ ތިން ބޯޓު ވެސް މިހާރު ގަނެ ރަޖިސްޓްރީކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ ތިން ބޯޓު ތައިލޭންޑުގައި ޑޮކުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ބޯޓުތަކަކީ ދުވާލަކު 60 ޓަނުގެ މަސް ގަނެވޭވަރުގެ ކެޕޭސިޓީގެ ބޯޓުތަކެއް ކަމަށް ބުންޏެވެ.

މިފްކޯއިން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، މަސްކިރާ ބޯޓުތައް އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.