އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނީގެ އަދަދު ދަނީ ދަށްވަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައި ބުނެފައިވަނީ ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ނާޒުކު ދުނިޔޭގެ ހާލަތު ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން 6.6 ޕަސަންޓަށް އުފުލޭނެ ކަމަށާއި މިއަހަރު ރާއްޖޭގެ އިގުތިސޯދަށް ހީނަރުކަމެއް އަންނާނެ ކަމަށެވެ. އެ ހީނަރުކަން އަންނާނެކަމަށް ލަފާކުރެވެނީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވުމުގެ އިތުރުން ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އެކަމާ ގުޅިގެން އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރަނި އަނބުރާ ދެއްކުމުގެ ސިޔާސަތުތައް އެކުލަވާލަނީ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށެވެ.
"ކޮވިޑުގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މިއަހަރު ރާއްޖޭގެ އިގުތިސޯދު ދަށްވާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރީ 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވޯލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީީ "ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓްއާ ގުޅިގެން" ކަމަށެވެ.
އަދި ވިދާޅުވީ މިވަގުތު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ކަމަށްވިޔަސް، ރާއްޖެއަށް އެކަމުގެ ސަބަބުން ކުރަމުންދާ އަސަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅައިބަލާއިރު ކުޑަ ކަމަށެވެ. އަދި ތަކެތީގެ އަގުބޮޑުވާ މިންވަރު ހިފެހެއްޓިފައިވަނީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީގެ ސަބަބުން ކަމަށާއި ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތަކެތީގެ އަގުތައް ބޮޑުވުމާ ގުޅިގެންނާއި ދައުލަތުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކުގެ ތަފުސީލު މިއަހަރުގެ ބަޖެޓު ފޮތުގައި ތަފުސީލުކޮށްދީފައިވާނެ ކަމަށާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 21.5 ޕަސަންޓް އިތުރުވެފައިވާ ކަމަށާއި މިއަހަރު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭތީ އިގުތިސޯދީ ކުރިއެރުންތައް މަތިވާނެ ކަމަށެވެ.