ކުރިއަށް އޮތް ދިވެހި ފުޓްބޯޅަ ސީޒަންގެ މެޗުތަކުގައިވެސް ފަސް ބަދަލަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
ކޮވިޑް-19 އަށްފަހު ދުނިޔޭ ފުޓްބޯޅައިގެ ބޮޑެތި ލީގުތަކުގައިވެސް ފަސް ބަދަލުކުރުމަށް ފުރުސަތު ދޭން ފަށާފައިވާ އިރު، އަދިވެސް ބޮޑެތި ލީގުތަކުގައި އެ އުސޫލު ދަނީ ދަމަހައްޓަމުންނެވެ. ކޮވިޑަށް ފަހު އޭއެފްސީ ކަޕްގެ މެޗުތަކުގައިވެސް ފަސް ބަދަލަށް ފުރުސަތު ދޭން ފެށި ނަމަވެސް، ރާއްޖޭގެ ލީގު ޓީމުތަކުގެ ހާލަތު އޮތް ގޮތުން، ފަސް ބަދަލަށް ފުރުސަތު ނުދޭން އޭރު ނިންމިއެވެ.
ކޮވިޑަށް ފަހު ރާއްޖޭގައިވެސް ފަސް ބަދަލަށް ފުރުސަތު ދިން ނަމަވެސް، ދެން ޖެހިގެން އައި ސީޒަނުގައި އެކަން އެގޮތަށް ކުރުމަށް ފާސްވެފައެއް ނުވެއެވެ. ނަމަވެސް، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައިވެސް ފަސް ބަދަލަށް ފުރުސަތު ދޭން އެފްއޭއެމުން މިހާރު ވަނީ ނިންމައިފައެވެ.
"ފަސް ބަދަލަށް ފުރުސަތު ދޭން ވަނީ ނިންމާފައި. އެއީ މި ވަގުތު ބެސްޓް ޕްރެކްޓިސް ކަމަށް ބަލައި، ޓީމުތަކާވެސް މަޝްވަރާ ކުރުމަށްފަހު އެކަން އެގޮތަށް ނިންމީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ވަނީ ޗެރިޓީ ޝީލްޑް މެޗު ކުޅެފައެވެ. އެ މެޗުގައި ވާދަކުރީ ކްލަބު އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މެޗު ކާމިޔާބުކޮށް މާޒިޔާއިން ޝީލްޑް އުފުލާލާފައިވާ އިރު، ދެން އޮތް މުބާރާތަކީ މި މަހުގެ އަށްވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ޕްރެސިޑެންޓްސް ކަޕެވެ.
އެ މުބާރާތް އަންނަ ހަފުތާގައި ފަށަން ތާވަލުކޮށްފައި އޮތް ނަމަވެސް ކްލަބުތައް ފަރިތަކުރުންތަކަށް ނުނުކުމެ އޮތުން އެއީ އަދިވެސް ސީޒަނުގެ ތާވަލަށް އޮތް އުނދަގޫ ކަމެކެވެ. މިހާތަނަށް މާޒިޔާއާއި އީގަލްސްގެ އިތުރުން ތަމްރީނުތައް ކުރިއަށް ގެންދަނީ ބުރު ސްޕޯޓްސް ކްލަބު އެކަންޏެވެ. ފުރަތަމަ ޑިވިޝަންގެ ބާކީ ކްލަބުތަކުން އަދި ފަރިތަކުރުންތަކަށް ނުކުމެފައެއް ނުވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް