ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ ސްރީލަންކާގެ ރައްޔިތުން އެމީހުންގެ އާއިލާއަށް ފޮނުވާ ފައިސާގެ އަދަދަށް ބަލައިފައި އެމީހެއްގެ ޑިއުޓީ ފްރީ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ. މިއީ ވީހާވެސް ގިނައިން ބޭރުފައިސާ ގައުމަށް ފޮނުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. ގާތްގަޑަކަށް ބަނގުރޫޓުވެފައިވާ ސްރީލަންކާއަށް މިހާރު ބޭރުފައިސާ ލިބުމުގެ މައިގަނޑު އެއްވަސީލަތަކީ ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ މީހުން ފޮނުވާ ފައިސާއެވެ.
ސްރީލަންކާގެ މިނިސްޓަރ އޮފް ލޭބަރ އެންޑް ފޮރިން އެމްޕްލޯއިމަންޓް މަނޫޝާ ނަނަޔައްކަރަ ހޯމަދުވަހު ވިދާޅުވީ މިބަދަލަށް އަމަލުކުރަން ފަށާނީ މިއަހަރުގެ މެއިމަހުން ފެށިގެން ކަމަށާއި މަސައްކަތްތެރިން ގައުމަށް ފޮނުވާ ފައިސާގެ އަދަދަށް ބަލައިފައި އެމީހުން ބަހައިލާނީ ފަސް ގިންތިއަކަށް ކަމުގައެވެ.
ސަރުކާރުން ކަނޑައަޅައިފައިވާ އައު އުސޫލުގެ ދަށުން އެންމެ ދަށް ގިންތިއަކީ އަހަރަކު 2400 ޑޮލަރާއި 4800 ޑޮލަރާއި ދެމެދުގެ އަދަދަކަށް ފޮނުވާ މީހުންނެވެ. އެންމެ މަތީ ގިންތިއަކީ އަހަރަކު 24 ހާސް ޑޮލަރަށްވުރެ މަތީ އަދަދެއް ފޮނުވާ މީހުންނެވެ. މި އަދަދުތައް ވާންޖެހޭނީ ރަސްމީ ވަސީލަތެއް މެދުވެރިކޮށް ފޮނުވޭ އަދި ރިކޯޑް ކުރެވޭ އަދަދުތަކެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ފައިސާ ފޮނުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކަމަށް ޓެކްސް ނުނެގުމަށާއި އަދި ބޭންކުތަކުގައި ޖަމާކުރާ ބޭރުފައިސާއިން ޓެކްސް ނުނެގުމަށްވެސް ނިންމައިފައެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސްރީލަންކާގެ 1.7 މިލިޔަން މީހުން ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރެއެވެ. ކޮންމެ އަހަރަކުވެސް އިތުރު ދެލައްކަ މީހުން ވަޒީފާގެ އެދުމުގައި ގައުމުން ބޭރަށް ހިޖުރަކުރެއެވެ. ސްރީލަންކާގެ އެންމެ ގިނަބަޔަކު މަސައްކަތްކުރަނީ ގަލްފުގެ ގައުމުތަކުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ