ސޮނީ ޓީވީން ކުރިއަށްގެންދާ ލަވަކިޔުމުގެ ރިއަލިޓީ ޝޯ ކަމަށްވާ އިންޑިއަން އައިޑަލް 13 މަދިޔަޕްރަދޭޝްގެ ބޯޕާލަށް ނިސްބަތްވާ ރިޝީ ސިންގް ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ މުބާރާތް ގާތްގަޑަކަށް ހަމަސް ދުވަހަށް ދެމިގެންދިޔަ އިރު، ފައިނަލް ބުރުގައި އިތުރު ފަސް ލަވަކިޔުންތެރިޔަކުވެސް އޭނާއާ ވާދަކުރިއެވެ.
ފައިނަލް ބުރުގައި ރިޝީ ސިންގާ ވާދަކުރީ ބިދިޕްތާ ޗަކުރަބޮތީ، ސޮނާކްޝީ ކާރް، ޑެބޮސްމީތާ ރޯއި، ޝިރާގް ކޮތަވާލް އަދި ޝިވަމް ސިންގެވެ. އިންޑިއަން އައިޑަލް ކާމިޔާބު ކުރުމުން އިނާމުގެ ގޮތުގައި ފަންސަވީސް ލައްކަ ރުޕީސްގެ ޗެކަކާއި 13 ލައްކަ ރުޕީސްގެ އަގުހުރި މަރޫޓީ ސުޒުކީ ކާރެއް އޭނާއަށް ލިބުނެވެ.
މުބާރާތުގެ މެދުތެރޭގައި ސޮނީ ޓީވީއަށް ދިން އިންޓަވިޔުއެއްގައި ރިޝީ ސިންގް ބުނެފައިވަނީ އިންޑިއަން އައިޑޮލްގެ ސަބަބުން ގިނަ ބަޔަކު ދަންނަ މީހަކަށްވެ ދިރިއުޅުމުގެ އެއް މަގުސަދު ހާސިލްވެއްޖެ ކަމަށާއި ބުރަކޮށް މަސައްކަތްކޮށް ކާމިޔާބާ ހަމައަށް ދިއުމަށް ގަދައަޅާނެ ކަމުގައެވެ. މުބާރާތުގެ ފަސްޓް ރަނަރަޕް ކަމަށް ހޮވުނީ ޑެބޮސްމިތާ ރޯއިއެވެ. ސެކަންޑް ރަނަރަޕް ކަމަށް ހޮވުނީ ޝިރާގް ކޮތަވާލްއެވެ. އެއިން ކޮންމެ މީހަކަށް އިނާމުގެ ގޮތުގައި ތިން ލައްކަ ރުޕީސް ލިބުނެވެ.
އިންޑިއަން އައިޑަލްއަކީ އިންޑިޔާގެ ބޮމްބޭގައި 2004 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އިންޑިޔާގެ އިތުރުން ދެކުނު އޭޝިއާގެ އެހެނިހެން ގައުމުތަކުގައިވެސް މި މުބާރާތުގެ މަގުބޫލުކަން ވަރަށް ބޮޑެވެ. އެކި އަހަރުތަކުގައި މި މުބާރާތުން ވިދި ލަވަކިޔުންތެރިން އެންމެ މަތީ ފަންތީގެ ފަންނާނުންކަމުގައި ވެގެންގޮސްފައިވެއެވެ. އޭގެތެރޭގައި 2020- 2021 ގެ ސީޒަން ކާމިޔާބުކުރި ޕަވަންދީޕް ރާޖަން ހިމެނެއެވެ. އޭނާ ނިސްބަތްވަނީ އުއްތަރުކަންދު ސްޓޭޓަށެވެ.