މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ ވަނީ ސައޫދީ އަރަބިޔާގެ ޖިއްދާއަށް ވަޑައިގެން އެގައުމުގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނާ މި ހަފުތާގެ ހޯމަ ދުވަހު ބައްދަލު ކުރައްވައިފައެވެ. މިއީ މިސްރުގެ އަޑިއަޅަމުން، ހީނަރުވަމުންދާ އިގުތިސޯދަށް ފަރުވާއަކަށް ފުދޭވަރުގެ މާލީ އެހީތެރިކަމެއް ސައޫދީ އަރަބިޔާއިން ހޯއްދެވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މަޖުބޫރީ ހާލަތެއްގައި ކުރެއްވި ދަތުރުފުޅެކެވެ. ސުވާލަކީ މިސްރުން އެދޭކަހަލަ އެހީތެރިކަމެއް ސައޫދީ އަރަބިޔާއިން ފޯރުކޮށްދީފާނެ ބާވައެވެ. ދާދިފަހަކުން ސައޫދީ އަރަބިޔާ ވަނީ އެކި ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި އުސޫލާއި ހަމަޔަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިސްރުވެސް ހިމެނޭގޮތުންނެވެ. މިކަމާ ގުޅިގެން މިސްރާއި ސައޫދީ އަރަބިޔާއާ ދެމެދު ވަރަށް ބޮޑު ނުތަނަވަސް ކަމެއްވެސް ވަނީ ހިނގައިފައެވެ.

ރައީސް ސީސީގެ ދަތުރުފުޅު މިއައީ ކުރިން ދެންނެވި ނުތަނަވަސްކަމާއި އުދާސްތަކުގެ މެދުންނެވެ. އެހެންވީމާ މިސްރުން ބޭނުންވީމާ ބޭނުންވި ވަގުތެއްގައި ބޭނުންވި މިންވަރެއް ދިނުމުގެ އާދަ ސައޫދީ އަރަބިޔާއިން މިފަހަރު ދަމަހައްޓާނެތޯ ސުވާލު އުފެދެނީއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިސްރަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ސައޫދީ އަރަބިޔާއިން ދެން ފޯރުކޮށްދޭނީ ޝަރުތުތަކެއް ހިމަނައިގެންނެވެ. އެއްވެސް ޝަރުތެއްނެތި އެހީތެރިކަން ފޯރުކޮށްދިނުން މިހާރު އޮތީ މާޒީއާއެކުވެފައެވެ. މިއަހަރުގެ ޖެނުއަރީ މަހު ސުވިޒަލެންޑުގެ ޑާވޯސްގައި ބޭއްވުނު ދުނިޔޭގެ އިގުތިސޯދީ މަހާސިންތާގައި ސައޫދީ އަރަބިޔާގެ މާލީވަޒީރު މުހައްމަދު އަލް ޖަދުއާން ވަނީ ކުރީގެ ސިޔާސަތު ބަދަލުކުރެވިފައިވާކަމަށް ވިދާޅުވެ އާ ސިޔާސަތު އިއުލާން ކުރައްވައިފައެވެ.

ސައޫދީ އަރަބިޔާގެ މާލީވަޒީރު ވިދާޅުވެފައިވަނީ މިފަދައިންނެވެ. އަހަރެމެންގެ އެކުވެރި ގައުމުތަކަށް އެހީ ދެމުންއައީ މިހާތަނަށް އެއްވެސް ޝަރުތެއްނެތިއެވެ. އެއްވެސް ކަމެއް މަތިކުރުމެއްނެތިއެވެ. ދެން އެހެނަކުން ހެދޭކަށް ނެތެވެ. ކިތަންމެ ގާތް ރަހުމަތްތެރި ގައުމަކަށް ވިޔަސް އަބަދާއި އަބަދު މިގޮތަށް އެހީއެއް ނުދެވޭނެއެވެ. ދެން ދޭނީ ޝަރުތުތަކަކާއެކުގައެވެ. އިސްލާހުގެ މަގުގައި މަސައްކަތްތަކެއް ކުރާން ޖެހޭނެއެވެ. ޝަރުތަކީ އިސްލާހުގެ މަގެވެ. އިސްލާހުވާން ނޭދެނީވިއްޔާ އެހީ ލިބުމެއްނެތެވެ. އެހީއަށްއޮތް ރާސްތާއަކީ އިސްލާހެވެ. އޭނާގެ ބަސްފުޅުން މި އިޝާރާތް ކުރައްވަނީ ހާއްސަގޮތެއްގައި މިސްރާއި ޕާކިސްތާނާއި ސޫދާނަށެވެ. ސައޫދީންގެ މާލީ އެހީތެރިކަން އަބަދުވެސް އެންމެ ބޮޑަށް ލިބެމުން އައި ތިން ގައުމަކީ އެއީއެވެ.

ޑާވޯސް މަހާސިންތާއަށްފަހު މިސްރާއި ސައޫދީ އަރަބިޔާގެ މެދުގައި ފެށުނީ ޒާތެއްގެ އަރައިރުމެކެވެ. ސައޫދީ ރަސްކަމުގެ ދަރުބާރާއި ގުޅުންހުރި ދެބޭފުޅަކު ވަނީ މިސްރަކީ ބޮޑުވެގެންވާ ނާކާމިޔާބު ދައުލަތެއްކަމަށް ސިފަކުރައްވައިފައެވެ. ރަސްކަން އުވާލައި 1952 ވަނަ އަހަރު ޖުމްހޫރިއްޔަތަކަށް އެނބުރުނީމާ މިސްރަށް ލިބުނީ ކޮންމޮޅެއްތޯ ސުވާލުކުރައްވައި ހުރިހާ މޮޅެއް އޮތީ ރަސްކަމުގައި އަދިވެސް ހިފަހައްޓައިގެންތިބި ގައުމުތަކަށްކަން ވަރަށް ސާފުކަމަށްވެސް ވިދާޅުވެފައެވެ. މީގެ ޖަވާބުގައި މިސްރުގެ ސަރުކާރުގެ ރަސްމީ ނޫސްކަމަށްވާ އަލްޖުމްހޫރިއްޔާގެ އެޑިޓޯރިއަލްގައި ލިޔުނެވެ. ހުސްފަޔާ ސަހަރާތެރޭގައި ހިނގާން އުޅުނު ބަޔަކަށް ކުއްލި ތަނަވަސްކަމެއް ލިބުމަކީ މިސްރަށް މަލާމާތްކޮށް ގޮތްކިޔަން ކުފޫހަމަވުމެއް ނޫނެވެ.

މިވަރަކުން އަދި ފުއްދާނުލައެވެ. ދެންވެސް ލިޔުނެވެ. ތިޔަ މުއްސަނދިކަމަކީ މިއަދު ކުއްލިއަކަށް އައި ކަމެކެވެ. އިއްޔެއާ ހަމަޔަށް ތިބީ އަހަރެމެންގެ ފައިބުޑުގަައެވެ. ސާހިބުންނަކީ އަހަރެމެންކަމަށް ބަލައިގެންނެވެ. މިއަދު ކޮން ބޮޑާހޭކުމެއް ހެއްޔެވެ. ސާހިބުންނަށް އިހުތިރާމްކުރަން ދަސްކުރާށެވެ. މިބީދައިން ދެފަރާތުން ދެފަރާތަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެވިފައިވަނިކޮށް ރައީސް އައްސީސީގެ އަމުރުފުޅަށް މިސްރުން ވަނީ އެކަން ހުއްޓާލައިފައެވެ. ސައޫދީއަރަބިޔާއިންވެސް ދެން އިތުރަކަށް އެކަން ތަކުރާރެއް ނުކުރެއެވެ. އެހެންނަމަވެސް އުދާސްތަކާއި ނުތަނަވަސްކަން މުޅިއަކުން ފިލައިގެނެއް ނުދެއެވެ. ރައީސް އައްސީސީގެ ދަތުރުފުޅު މިއައީ މިކަމުގެ ތެރެއިންނެވެ. އެހެންވީމާ މިސްރުގެ އެދުންތަކަށް ސައޫދީން ދީލައިލާނެ މިންވަރަކާމެދު ސުވާލު އުފެދެނީއެވެ.

ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މިސްރަށް ސައޫދީ އަރަބިޔާއިން އެހީވާނެއެވެ. އެކަމަކު ޝަރުތުތަކާއެކުގައެވެ. އޭގެތެރޭގައި ސިޔާސީ ޝަރުތުތައްވެސް ހިމެނޭނެއެވެ. މި ޝަރުތުތަކާ ރުހުން ނޫން އެހެން އެއްވެސްގޮތެއް މިސްރަކަށް ނެތެވެ. ރައީސް މުރުސީގެ ސަރުކާރު ވައްޓާލައްވައި އިންގިލާބަކުން 2013 ވަނަ އަހަރު އައްސީސީ ވެރިކަމަށް ވަޑައިގެންނެވިފަހުން މިސްރުގެ އިގްތިސާދު ހިފަހައްޓަނީ ގަލްފުގެ އަރަބި ގައުމުތަކުންނެވެ. އެކި ސިފަސިފައިގައި ފޯރުކޮށްދޭ އެހީތެރިކަމުންނެވެ. އެޔާނުލައި ހަމަޖެއްސޭނެ އެއްވެސް ގޮތެެއް ނެތެވެ. އެމިރޭޓްސްއިން ދިނަސް އަދި ކުވޭތުން ދިނަސް އެކަންކުރާނީ ސައޫދީ އަރަބިޔާއިން ބުނާ އެއްޗަކަށް ބަލައިފައެވެ. އެހެންވީމާ ސައޫދީ އަރަބިޔާގެ ކުރިމަތީގައި ނިކަމެތިވެގަތުން ނޫން އެހެން އެއްވެސްގޮތެއް ނެތެވެ.