ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފިއެވެ.
އެ މައްސަލަ ހައިކޯޓަށް މި ބަލައިގަތީ ދެވަނަ ފަހަރަށް ހުށަހެޅުމުންނެވެ. މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަ ބަލައިގަތުމުގެ ބަދަލުގައި ހައިކޯޓުން އެންގީ އިސްތިއުނާފު ފޯމް އިސްލާހުކުރުމަށެވެ.
ހައިކޯޓުން އެންގި ގޮތަށް އެ ދެ މައްސަލަ އިސްލާހުކުރުމަށްފަހު ދެވަނަ ފަހަރަށް ހުށަހެޅީ ހުސްވި މާޗް މަހުގެ 15ވަނަ ދުވަހުއެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީނަ ފައިސަލް މިއަދު ވިދާޅުވީ، މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް އެ ކޯޓުން ބަލައިގެންފައިވާ ކަމަށާއި އެ މައްސަލަ މިއަދު ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް އޮތީ ގެއްލިފައެވެ. އެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނީ އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު