ސަރަހައްދީ ފުދުންތެރިިކަމުގެ ދުވެލި ހަލުވިކުރުމަށްޓަކައި ރާއްޖޭގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރެވޭނެ ގޮތްތައް ހޯދައި އެ މަސައްކަތް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ.

މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ޔާސިރު ވިދާޅުވީ، މާލޭ ކޮމާޝަލް ޕޯޓަށް އޮތް ބާރު ކުޑަ ކުރުމަށާއި ރާއްޖޭގެ ކަންކޮޅުތަކަށް އިގުތިސާދީ މަންފާ ބެހިގެންދާނެ ގޮތް ހެދުމަށް، ދެ ސަރަހައްދެއްގައި ކަނޑުގެ ބަނދަރު މިހާރުވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހިތަދޫ ރީޖަނަލް ޕޯޓުގެ އޮޕަރޭޝަން 2009 ވަނަ އަހަރުގެ ޖުލައި މަހުގައި ފަށާފައިވާ އިރު، ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ އޮޕަރޭޝަން ފަށާފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެ ބަނދަރުތަކަށް އަންނަ މުދަލުގެ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓް މައާފު ކުރި ނަމަވެސް، އެތަންތަނަށް ގެންނަން ޖެހޭ އުމްރާނީ ކުރިއެރުން، ފާއިތުވި މުއްދަތުގައި ގެނެވިފައި ނުވުމާއި ޕޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގައި ދަތިތައް ދިމާވެ، އެ ބަނދަރުތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފެމުން ނުދާކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

އެހެންކަމުން ސަރަހައްދީ ބަނދަރުތަކުގެ ހިދުމަތް ހޯދުމަށް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށާއި، ވިޔަފާރިތައް ސަރަހައްދުތަކަށް ބެހިގެންދާނޭ ގޮތްތައް ދެނެގަތުމަށާއި، ބަނދަރުތައް ހިންގުމުގައި ގުޅުންހުރި އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ބަނދަރުތަކުގެ ތަރައްގީގެ ދިގު ރާސްތާ ޕްލޭންތަކާއި މަަސައްކަތް ދާގޮތް ދެނެގަނެ، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުން މިހާރަށް ކުރެވޭނެ ކަންކަން ދެނެގަނެ، އަދި ރާއްޖޭގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރެވޭނެ ގޮތްތައް ހޯދައި، ސަރަހައްދީ އިގުތިސާދު ހަލުވި ކުރުމަށް ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތް ހެދުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަނޭތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން އެ ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ 24 މެންބަރުންނެވެ. އެ ގަރާރު ބަލައިގަންނަން ނުފެންްނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވިއެވެ.