އުރީދޫ މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ބާއްވަން ނިންމާފައިވާ އުރީދޫ ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅައެވެ. މި މުބާރާތް އިންތިޒާމު ކޮށްފައިވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ އެކުއެވެ.
އުރީދޫން މިއަދު ބުނީ އެ މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ މެންދުރު 12 އަށް އިތުރުކޮށްފައިވާ ކަމަށެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/bokiboalha މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތުގެ އެއްވަނައަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެވަނައަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 5،000 ރުފިޔާ ލިބޭނެއެވެ.
މުބާރާތް ކުރިއަށްދާ ގޮތް:
މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެއެވެ. ބާރައަށްވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިންނާއި ގިނަވެގެން ތިން އޮފިޝަލުން ތިބެންޖެހެއެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެއެވެ.
މުބާރާތުގެ ކޮންމެ މެޗެއްވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެ ނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެއެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު