ގައުމީ އެއާލައިން, މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ ތިންވަނަ ބޯޓެއް ގަނެގެން މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ.

މިއަދު ރާއްޖެ އައި މޯލްޑިވިއަންގެ އާ އޭޓީއާރު އެއާކްރާފްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ ވޯޓާ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ. މި ބޯޓަކީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ފްރާންސްގެ އޭޓީއާރު ކުންފުނިން ގަނެގެން ގެނައި ތިންވަނަ ބޯޓެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި އައިއޭއެސްއިން އޭޓީއާރު ކުންފުންޏާ އެކު ތިން އެއާކްރާފްޓް ގަތުމަށް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެކުންފުނިން ވަނީ މިއަހަރުގެ ޖެނުއަރީ މަހު މޯލްޑިވިއަންއަށް އޭޓީއާރުގެ ދެ އެއާކްރާފްޓް ޑެލިވާކޮށްދީފައެވެ. އެއީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ ބޯޓެވެ. އަދި މޯލްޑިވިއަންއަށް މިއަދު ގެނެއި ތިންވަނަ އޭޓީއާރު އެއާކްރާފްޓަކީ 400-72 ގެ މުޅިން އާ ބޯޓެކެވެ. މިއީ ކުރިން ގެނައި ދެ ބޯޓަށްވުރެ ކުޑަ ބޯޓެކެވެ.

އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ އެއާކްރާފްޓުތަކެކެވެ. އެއީ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސްޕެއާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ސްޕެއާ ގަތުމަށް ކުރަން ޖެހޭ ހަރަދު ބޮޑު އިރު، އޭޓީއާރު އެއާކްރާފްޓުތަކުން ފިއުލް ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަން ޖެހޭ ހަރަދުވެސް ކުޑަވާނެއެވެ. މި ބަދަލާއެކު ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސަބަބުން އެކުންފުންޏަށް އުފުލަން ޖެހިފައިވާ މާލީ ބުރައަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.

އޭޓީއާރު އެއާކްރާފްޓުގެ ލުއި ސްޓްރަކްޗާ އާއި އޮޕްޓިމައިޒްޑް ސްޕީޑާއި އެއާކްރާފްޓުގައި ބޭނުންކުރާ PW127XT އިންޖީނަކާއެކު އޭޓީއާރު 600-72، އަކީ އެންމެ ފިއުލް ހަރަދު ކުޑަ އެއް ރީޖަނަލް އެއާކްރާފްޓެވެ. އޭޓީއާރުން ތެޔޮ އަންދާ މިންވަރު ކުޑަވުުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުވުން މަދުވެ، ދަތުރުުގެ ހަރަދުވެސް ކުޑަވެގެންދެއެވެ.