ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮޕްމެނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަސަން ޝާހު އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީއެއްގައި ޝާހު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގައުމަށް ހަމަޖެހުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދީ ގައުމު ތަރައްގީ ކޮށްފައިވާ ކަމަށެވެ.
"2023 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އަޅުގަނޑު ތާއީދު ކުރާތީ ތިޔަޕާޓީގެ ކައުންސިލް މެމްބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަދި ޖޭޕީގެ ދަފުތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުމަށްއެދި އިހުތިރާމާއެކު ދެންނެވީމެވެ" ޝާހު ވިދާޅުވިއެވެ.
ޝާހު، ޖޭޕީން އިސްތިއުފާދެއްވާފައިވާ އިރު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރުވެސް ވަނީ ޖޭޕީން އިސްތިއުފާދެއްވައިފައެވެ.
މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވަނީ މިރޭ ގާސިމުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އާޒިމް، ގާސިމަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރިޔާސީ ދެވަނަ ދައުވަރަކަށް ރާއީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ރާއްޖެއަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާ ކުރަނިވި ގޮތް ކަމަށެވެ. އަދި ގައުމުގައި ހަމަހުން ދެމެހެއްޓުވޭނެ ވެރިއަކީ ރައީސް ސޯލިހު ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވި އާޒިމަކީ ޖުމްހޫރީ ޕާޓީގެ ދަފުތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިި ކުރެއްވި ނަމަވެސް އެޕާޓީގެ ދަފުތަރުގައި ހިމެނިވަޑައެއް ނުގަންނަވައެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާމިނަތު މުހައްމަދު ސަލީމްވެސް ވަނީ ޖޭޕީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު