ޚަބަރު

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުކަން ގާސިމަށް!

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި އިތުރު މީހަކު ކުރިމަތިނުލުމުން، އެ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް ލިބިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީ ވަކިން ނުވަތަ އިސްވެ އޮވެ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ކައުންސިލުން ގަރާރެއް ފާސްކޮށް، ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ މުއްދަތު މިއަދު 12 ޖެހިއިރު ހަމަވެފައިވާއިރު، ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވީ ގާސިމް އެކަންޏެވެ.

ގާސިމްގެ އިތުރުން އެހެން އެއްވެސް މީހަކު ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައި ނުވާ ކަމަށް "ވަން" އަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ސްޕެޝަން އެންވޯއީ، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވިއެވެ.

ޖޭޕީގެ އަސާސީ ގަވާއިދު މީގެ ކުރިން އޮންނަ ގޮތުންނަމަ އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް، ޖޭޕީން ފަހުން ވަނީ އެ ޕާޓީގެ ކައުންސިލްގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ނިންމައިފައެވެ.