ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލި މީހުންގެ ނަންތައް މިއަދު އިއުލާންކުރާނެ ކަމަށް އެ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ސްޕެޝަން އެންވޯއީ، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ކުނޫޒުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލި މީހުންގެ ނަންތައް މިއަދު މެންދުރު 12:00 ޖަހާއިރު އިއުލާންކުރާނެ ކަމަށެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ގާސިމް ނިންމެވިކަން ނުވަތަ ނޫންކަންސް އަދި އެނގިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމަކު އެ މަނިކުފާނު އަމިއްލަފުޅަށް ނިންމެވުމާ ނުނިންމެވުން އެހެން ކަމެއް. އެކަމަކު މާދަމާ 12 ޖަހާއިރަށް އަޅުގަނޑު ގަބޫލުކުރަނީ މި ޕާޓީން ނިންމާ ނިންމުމެއް ކޮންމެވެސް ސިފައެއްގައި އެނގިގެންދާން ޖެހޭނެ ކަމަށް،" އިލްހާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހެއް ކަމަށް ކަނޑައަޅާފައިވަނީ މިއަދުގެ މެންދުރު 12:00 އަށެވެ.

ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު އެ ޕާޓީން އަންނަނީ އެކި ޕާޓީތަކާއެކު ކޯލިޝަން ހަދަންވެސް ވާހަކަދައްކަމުންނެވެ. އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއެކު ކޯލިޝަން ހަދަން ނިންމައި، ގުޅިގެން މެނިފެސްޓޯއެއް ތައްޔާރުކުރަން ވަނީ ނިންމައިފައެވެ.