ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ، ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޯ ޑިމޮކްރަސީ" ގެ ދެވަނަ ބައްދަލުވުމުގައި ގައުމީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށެވެ.
"ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ޤާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕާފޯމަންސް ބޭސްޑް ބަޖެޓިންއާ ދިމާއަށް ދިޔުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ޖުޑިޝަރީ އިސްލާހުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވައިފައެވެ.
"އެގޮތުން ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ، ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދޭ،" ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދި، ސާކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރެވުމުން، ޝަރުއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ދާއިރާއެއް ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަން ވެސް ފާހަގަކުރައްވައިފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ޖަމިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެންޖީއޯ ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމިއްޔާތަކަށްވެސް އެ ޖަމިއްޔާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ހޯދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.