Close
ޚަބަރު

މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރަނީ

މުހައްމަދު އިޝާން

މާލޭ ޖަލުގައި ތިބި ގައިދީންތައް ހުޅުމާލެ ޖަލަށާއި މާފުށި ޖަލަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ މާލޭ ޖަލާ ޖެހިގެން ހުންނަ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ސްކޫލް ހުޅުވުމުގެ ކުރިން އެކަން ނިންމުމަށް މަސައްކަތްކުރަނީ. ކެޕޭސިޓީ އޮތް ވަރަކުން ހުޅުމާލެ ޖަލަށާއި މާފުށި ޖަލަށް ބަދަލުކުރެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތަފުސީލު ހާމަކުރެވޭނީ ފަހުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލު ހުސްކުރަން ސަރުކާރުން ވަނީ މިދިޔަ އަހަރު ކަރެކްޝަންސްއަށް އަންގައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2020 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 364 ދުވަހުން ނިންމާ ގޮތަށް 74،938،390.28 (74.9 މިލިއަން) ރުފިޔާއަށެވެ. ދަރުމަވަންތަ ސްކޫލަކީ ޕީއެސްއައިޕީ 2019 ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ސްކޫލުގައި 25 ކުދިންގެ ޖާގައިގެ 41 ކްލާސްރޫމު ހިމެނޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.