މަޝްހޫރު ބީޗްކްލަބް ބްރޭންޑް، ނަމްމޯސް އިން ރާއްޖޭގައި ރިސޯޓެއް ހުޅުވަން ނިންމާފައިވާ ކަމަަށް އެ ކުންފުނިން ބުނެފިއެވެ.
ބީޗްސައިޑް ރެސްޓޯރެންޓްތަކާ ގުޅިފައިވާ ދުނިޔޭގެ ފެންވަރުގެ ބީޗް ކްލަބް ބްރޭންޑް "ނަމްމޯސް" ހިންގާ ނަމްމޯސް ވޯލްޑުން ހޮސްޕިޓަލިޓީ ދާއިރާއަށް ނުކުތުމަށް ރާވާފައިވާކަން ދާދި ފަހުން ވަނީ އިއުލާނުކޮށްފަ އެވެ.
ނަމްމޯސް ހޮޓެލްސް އެންޑް ރިސޯޓްސް ހިންގުމަށް ހަމަޖެހިފައިވަނީ އަބޫދާބީގެ އިންވެސްޓްމަންޓް ހޯލްޑިން ކުންފުންޏެއް ކަމަށްވާ އަލްފާ ދާބީ އާއި މޮންޓެރޮކް އިންޓަނޭޝަނަލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެއް ދަށުންނެވެ.
ނަމްމޯސް އިން ބުނެފައިވާ ގޮތުގައި އެ ބްރޭންޑުގެ ފުރަތަމަ ބީޗް ސައިޑް ހޮޓާ ހުޅުވާނީ ގްރީސްގެ މައިކޮނޯސް އައިލެންޑްގަ އެވެ. އެއީ މީގެ 20 އަހަރު ކުރިން ނަމްމޯސް ބްރޭންޑުގެ ފުރަތަމަ ބީޗްކްލަބް ހުޅުވައި އެ ބްރޭންޑް ވުޖޫދަށް ގެނެވުނު ތަނެވެ. އެއަށްފަހު އަބޫދާބީ އަދި ރާއްޖެއަށްވެސް އެ ބްރޭންޑްގެ ބީޗް ސައިޑް ހޮޓާ އަދި ރިސޯޓުތައް ފުޅާކުރާނެ ކަމަަށް ނަމްމޯސް އިން ބުނެއެއެވެ. ރާއްޖޭގައި ހުޅުވާ ނަމްމޯސް ބްރޭންޑުގެ ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރު އެވެ.
މި ބީޗްސައިޑް ހޮޓާތަކުގައި މުނިފޫހިފިލުވުމާއި ނަމްމޯސްއިން ފާއިތުވި 20 އަހަރުތެރޭ އުފެއްދި ތަފާތު ހޮސްޕިޓަލިޓީ ލައިފްސްޓައިލް އެންމެ ފުރިހަމައަށް ގެސްޓުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.