Close
ޓެކްނޮލޮޖީ

ނުވިކިހުރި އައިފޯން 14 އަދި 14 ޕްލަސްގެ ފޯނުތައް ވިއްކާލުމަށް ޖެއްސީ ރީންދޫ ކުލަ

އާދަމް ނަސީރު

އާ އައިފޯން 15 މިއަހަރު ފަހުކޮޅު ނެރޭނެއެވެ. އެ ވަގުތު ޖެހެން ދެން އޮތީ އެންމެ ހަ މަސް ދުވަހެވެ.

އެންމެ ފަހުން ނެރުނު އައިފޯނު ތަކުގެ ތެރެއިން ރަނގަޅު ވިޔަފާރިއެއް ކުރީ އައިފޯން 14 ޕުރޯ އަދި 14 ޕުރޯ މެކްސް އެވެ. އައިފޯން 14 އަދި އައިފޯން 14 ޕުލަސް ވައިގައި ހިފާގޮތެއް ނުވިއެވެ. އައިފޯން 14 ޕުލަސް އުފެއްދުންވެސް މަދުކޮށްލިއެވެ. އެހެން ނަމަވެސް އައިފޯން 14 އަށް ޝައުގުވެރިކަން އިތުރުކުރުމަށް އަމާޒު ހިފާފައިވާ ސާދާ މާކެޓިން އުކުޅެއް މިފަހަރު ވެސް ބޭނުން ކޮށްފިއެވެ. އެގޮތުން، އެޕަލްގެ ކުލަތަކުގެ ތެރެއަށް މިފަހަރު އިތުުރުކޮށްލީ ރީންދޫ ކުލައެވެ. އެންމެ ފަހުގެ އައިފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ކުލައެއް ލިބުނަސް އަދި މާ ބޮޑު ޝައުގުވެރިކަމެއް ނުލިބިދާނެ ކަމަށްވެސް ލަފާ ކުރިއެވެ. އެކަން ފޫބެއްދުމަށް އަދި އިތުުރު އެހެން ކަމެއްވެސް ކޮށްލިއެވެ.

އެގޮތުން ކުލަ ބަދަލު ކޮށްފައި ނެރޭ ފޯނުތަކުގެ ބެޓެރިވެސް ވަނީ ވަރުގަދަ ކޮށްފައެވެ. ރީންދޫ ކުލައަކީ މީހުންގެ ލޮލުގައި ފަސޭހައިން އަޅައިގަންނަ ކުލައެކެވެ.

ކުޕަރޓީނޯގެ “ސްޕްރިންގް ކަލަރ” ސަގާފަތް ފެށިގެން އައީ 2020 ވަނަ އަހަރު އައިފޯނު 12 ސީރީޒްގެ ފޯނުތަކާ ގުޅިގެން ބްރައިޓް ޕާޕަލް އައިފޯނެއް ނެރުމުންވެސް (ގިނަ ބަޔަކަށް މި ފޯނު ކަމުދިޔަ) ހިސާބުންނެވެ. ހަމަ އެގޮތަށް 2022 ވަނަ އަހަރުގެ އައިފޯން 13 ގެ ކުލަތަކުގެ ތެރެއަށް އިތުރުކުރީ ގަދަ ފެހި ކުލައެވެ. އެ ބަދަލުގެ ސަބަބުން ވެސް އައިފޯންގެ ވިޔަފާރިއަށް ހެޔޮ ބަދަލެއް އައެވެ. އެހެން ނަމަވެސް މިފަހަރު ކުލަ ބަދަލު ކުރުމުގެ އިތުރުން އެންމެ ފަސޭހައިން ބަދަލެއް ގެނެވޭނެ އެއްޗަކީ ބެޓެރީ ކަމަށްވާތީ ބެޓެރީގެ ބާރުވެސް ވަނީ ގަދަކޮށްލައިފައެވެ.

މި ބަދަލާއެކު ނުވިކޭ އައިފޯނު 14ގެ ވައްތަރުތައް، ނެރުނީ މި މަހުގެ ތެރޭގައެވެ.

ހަމަ އެކަނި ކުލަ ބަދަލުކޮށްލައިގެން ފޯނުގެ ވިޔަފާރި އިތުރުކޮށްލުމުގެ ކުޅަދާނަކަން އެޕަލް ވަނީ މީގެ ކުރިންވެސް ހޯދާފައެވެ. އެހެން ނަމަވެސް ގިނަ މީހުންގެ އަތުގައި މިހާރުވެސް އައިފޯން 13އިގެ ގިނަ ކުލަތަކެއް އެބަހުއްޓެވެ. މީގެ ހަ މަސް ފަހުން ނެރޭ އައިފޯން ހުރިހާ ގޮތަކުންވެސް މާ ރަނގަޅު ވާނެއެވެ. އެހެން ނަމަވެސް މިހާރު އުފައްދާފައިވާ އަދި ނުވިކި ހުރި ގިނަ ފޯނުތަކެއް އެޕަލް އިން ވިއްކާލުމަށް އެ މީހުންގެ ގެންގުޅޭ އުކުޅަކީ މިފަހަރު ހަމަ އެކަނި ކުލަ ބަދަލު ކޮށްލުމެއް ނޫނެވެ. އެކަމަކު މިވަގުތު އެޕަލްގެ ކުލަގަދަ މައިންޑް ގޭމްތަކާ ބެހޭގޮތުން ތަންކޮޅެއް ބޮޑަށް މީހުން ސަމާލުވާނެ ބާއެވެ. އެޕަލްގެ ވިޔަފާރި އުކުޅު ތަކަކީ ގިނަ ބަޔަކަށް އެހާ ބޮޑަށް ސާފުވާ ކަންކަމެއް ނޫނެވެ.

ރީންދޫ ކުލައިގެ އައިފޯން 14 އެއް 800 ޑޮލަރު ޚަރަދު ކޮށްފައި ބައެއް މީހުން ގަނެފާނެއެވެ. އެހެން ނަމަވެސް މީގެ ހަމަސް ފަހުން ނިކުންނަ އައިފޯން 15 އަށް 200 ޑޮލަރު އިތުުރު ކޮށްލައިގެން 15 ޕުރޯއެއް އަދި މާ ރީތި ކުލަތައް ލިބޭނެއެވެ. އެހެން ނަމަވެސް އައިފޯން 14 ގެ ގިނަ ފޯނުތަކެއް ނުވިކި ހުރުމާއި އެކު އޭގެ ގެއްލުން ކުޑަ ކޮށްލުމަށް އެޕަލް އިން ކުރާ މިފަދަ ކަންކަން އައިފޯނަށް ލޯބި ޖެހިފައިވާ މީހުންނަށް ގިނަ ފަހަރަށް ފަހުމް ވަނީ ވަގުތު ފާއިތުވާ ފަހުންނެވެ.