މ. މުލީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެކަމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

ޖުމުލަ 61.8 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 550 ދުވަހެވެ.

އެމްޓީސީސީން ބުނީ އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 35 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ހާބަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 33،888 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 6،254 އަކަ މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި 465 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 89 މީޓަރު ސައަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 497 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ތިން މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުން އަދި މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.