ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތުގައި ބޭނުންކުރި އެންމެ ބޮޑު އުޅަނދު، ''ރުމެއިލާ'' ފޮނުވާލައިފިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއުގެ މެނޭޖަރު މުހައްމަދު ޖިނާން "ވަން" އަށް މިއަދު ވިދާޅުވީ، "ރުމައިލާ" އާދިއްތަ ދުވަހުގެ ހަވީރު ފޮނުވާލައިފައިވާ ކަމަށާއި އުޅަނދު ފޮނުވާލީ، އެ އުޅަނދު ބޭނުންކޮށްގެން ކުރަން ހުރި މަސައްކަތްތައް ނިމުމުން ކަމަށެވެ.
"އެ އުޅަނދު ޑިސްޕެޗް ކުރީ، މިހާރަށް ކުރަން ހުރި މަސައްކަތްތައްކޮށް ނިމުމުން. އެއްވެސް ހާލެއްގައި ފައިސާ ނުދެއްކިގެން ނޫން،" ރުމައިލާ ފޮނުވާލީ ފައިސާ ނުދެއްކިގެން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ޖިނާން ވިދާޅުވިއެވެ.
ރުމައިލާ ފުރަތަމަ ބޭނުންކުރީ ބުރިޖުގެ މަސައްކަތަށް ބޭނުންވާ ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތަށެވެ. އޭގެ ފަހުން ތިލަމާލޭގެ ބުރިޖުގެ ބައެއް ތަނބުތައް ޖެހުމަށްވެސް އެ އުޅަނދު ބޭނުންކުރި އިރު، މާލެއާ ދިމާލުގައި މިހާރު ފެންނަން ހުރި ތަނބު އެޅުމަށް ރުމައިލާ ބޭނުންކުރިއެވެ.
"މާލެ ކައިރީގައި އަދި ގުޅީފަޅު ކައިރީގައި ދެ ޓެސްޓް ޕައިލް އަޅާފައިވަނީ ރުމައިލާ ބޭނުންކޮށްގެން، ދެން މާލެ ކައިރީގައި ލައިނާ އަޅައިފައި މިވަނީވެސް ރުމައިލާ ބޭނުންކޮށްގެން،" ޖިނާން ވިދާޅުވިއެވެ.
ރުމައިލާ ފޮނުވާލުމަށްފަހު އެއަށްވުރެ ބޮޑު އުޅަނދެއް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޖިނާން ވިދާޅުވީ، ބުރިޖުގެ މަސައްކަތަށް އެކި ދުވަސްވަރު ބޭނުންވާ އުޅަނދުތައް ގެންނާނެ ކަމަށެވެ.
ގަލްފް ޑްރިލިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏެއްގެ އުޅަނދެއް ކަމުގައިވާ ރުމައިލާއަކީ ކަނޑުގެ ފުން ހިސާބުތަކުގެ އަޑީގައި އެކި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ 63 މީޓަރު ދިގު އަދި 52 މީޓަރު ފުޅާ އޮފްޝޯ ސަޕޯޓް އުޅަނދެކެވެ. އެ އުޅަނދުގައި ހެލި ޕެޑަކާއި ގިނަ ދުވަސް ވަންދެން މުވައްޒަފުންނަށް ތިބެވޭނެ އިންތިޒާމްތައްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު