Close
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި އޮންނަނީ ޖުލައި މަހު، ޓާގެޓަކީ ރިހި ނޫނީ ރަން މެޑަލް

މި އަހަރު ރާއްޖޭގައި ބާއްވަން އިއުލާންކޮށްފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހަށް ތާވަލުކޮށްފައިވާ ކަމަށް ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ރާއްޖޭގައި މި އަހަރު ބައިނަލްއަގުވާމީ ސާފިން މުބާރާތެއް ހޯސްޓް ކުރަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާންކުރެއްވީ މި މަހު ބޭއްވި ސްޕޯޓްސް އެވޯޑް ހަފުލާގައެވެ. އެ ހަފުލާގައި އެކަން އިއުލާންކުރެއްވުމާ އެކު އެސޯސިއޭޝަނުން ވަނީ ސާފިން ލީގުގެ ކަލަންޑަރަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ޖުލައި މަހުގެ ކުރީކޮޅު ހިންމަފުށީގައި ބާއްވަން އޮތް ގާމާދޫކޮޅު މުބާރާތް މިހާރު ވަނީ ޖޫން މަހަށް ބަދަލުކޮށްފައެވެ.

ސާފިން އެސޯސިއޭޝަންގެ ޗެއާމަން މުހައްމަދު ސޮބާހު (ޗޭ) "ވަން" އަށް ވިދާޅުވީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނާނީ ޖުލައި އަށަކުން 17 އަށް ކ. ހިންމަފުށީގައި ކަމަށާއި އެކަމަށް މިހާރު އެސޯސިއޭޝަނުން ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި އުންމީދަކީ 20 ވަރަކަށް ގައުމުން މުބާރާތުގައި ބައިވެރިވާނެ ކަމަށް ކަމަށާއި މިފަހަރު ރާއްޖޭގެ ސާފަރުން ނުކުންނާނީ ރަން ނޫނީ ރިހި މެޑަލް ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި ސަރަހައްދުގެ ގާތްގަނޑަކަށް 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ގައުމުތަކުން ބައިވެރިވާނެ ކަމަށް. އޭޝިއާގެ އެންމެ ވަރުގަދަ ސާފަރުން އަންނާނެ މުބާރާތަށް. އަންހެން އަދި ފިރިހެން އެތުލީޓުންވެސް. ދެން ރާއްޖެއަށް މީގެ ކުރިންވެސް ބްރޯންޒް މެޑަލް ލިބިފައިއޮތީ މި މުބާރާތުން. އެހެންވީމަ މިފަހަރު ޓާގެޓަކީ ރިހި މެޑަލް ނޫނީ ރަން މެޑަލްއެއް ހޯދުން،" ޗޭ ވިދާޅުވިއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދާފައިވާ އިރު، އެއީ މިހާތަނަށް ސާފިންގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އެ މުބާރާތުގެ ފައިނަލްގައި އިސްމާއީލް ރަޝީދު (ސްމައިލީ) ވެސް ވާދަކުރިއެވެ.

ޗޭ ވިދާޅުވީ މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުން ރާއްޖެއަށް ލިބޭނީ ކިތައް ޖާގަކަން އަދި ޔަގީންވެފައިނުވާ ކަމަށާއި އުންމީދަކީ ރަނގަޅު ފުރުސަތެއް ރާއްޖޭގެ ސާފަރުންނަށް ލިބުން ކަމަށެވެ.

މީގެ ކުރިން ބައެއް ރިސޯޓުތަކާވެސް ގުޅިގެން ރާއްޖޭގައި ބައިނަލްއަގުވާމީ ސާފިން އިވެންޓްތައް ބާއްވާފައިވާ އިރު، ފަހަކަށް އައިސް ސާފިންނަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ހާއްސަކޮށް އަހަރު ތެރެއަށް ދެމިގެންދާ ސާފިން ލީގެއް ކާމިޔާބުކަމާއެކު ބާއްވަމުން ދިއުމަކީ ސާފިންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

މި އަހަރުވެސް ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ސާފިން ލީގު ކުރިއަށް ގެންދަން އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ. މި އަހަރު ފުރަތަމަ އިވެންޓް ގދ. ގައްދޫ، "ކަޅެގަލެކޮޑާ" 2023 މިހާރު ކާމިޔާބު ކަމާއެކު ނިންމާލާފައިވާ އިރު، ދެން އިވެންޓްތައް އޮންނާނީ މ. މުލީގެ އިތުރުން ކ. ހިންމަފުށި އަދި ރ. ކިނަޅޮހާއި މާލޭގައެވެ.

މިފަހަރުގެ ލީގުގެ ފޯމެޓަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ލީގުގައި ފަސް މުބާރާތް އޮންނަ އިރު، އަހަރު އެންމެފަހުން ބާއްވާ ރަންނަމާރި ޗެލެންޖަކީ ކޮލިފިކޭޝަނަކުން އަންނަ އެތުލީޓުން ވާދަކުރާ މުބާރާތެކެވެ. ފުރަތަމަ އޮންނަ ހަތަރު އިވެންޓްގެ ތެރެއިން ކޮންމެ ސާފަރަކަށްވެސް ބޭނުން ތިން އިވެންޓެއްގައި ވާދަކޮށް، ރަންނަމާރި ޗެލެންޖަށް ކޮލިފައިވާން ފުރުސަތު އޮންނަ އިރު، ރަންނަމާރި ޗެލެންޖާއެކު އަހަރުގެ އެންމެ މޮޅު ސާފަރު ކަނޑައެޅިގެންދާނެއެވެ. އެއީ އަންހެން އަދި ފިރިހެންވެސް ސީނިއާ އެންމެ މޮޅެތި ސާފަރުންނާއި އެންމެ މޮޅު ޖޫނިއާ ސާފަރުންވެސް ކަނޑައެޅިގެންދާ އިވެންޓެވެ.

ރަންނަމާރި ޗެލެންޖުގައި ވާދަކުރަނީ ފުރަތަމަ ތިން އިވެންޓުން ކޮލިފައިވާ 32 އެތުލީޓެކެވެ.

ސާފިން އެސޯސިއޭޝަނުން ދާދިފަހުން ވަނީ ގައުމީ ސާފިން ޓީމު އެކުލަވާލައި ތަމްރީނުތައްވެސް ފަށައިފައެވެ. ގައުމީ ސާފިން ޓީމުގެ ކޯޗަކީ ކްލައިޓް މާޓިންނެވެ.