Close
އެތުލެޓިކްސް

ޝަމްހާ 10 ކިލޯމީޓަރުގެ ގައުމީ ރެކޯޑު އާކުރީ ގަދަ ފިނީގައި ދުވެ

ކުޅަދާން ދުވުންތެރިޔާ ޝަމްހާ އަހުމަދު، ރާއްޖޭގެ އަންހެން 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑު އިއްޔެ އާކޮށްފިއެވެ.

ޝަމްހާ އިއްޔެ ރެކޯޑް އާ ކޮށްފައިވަނީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި 10 ކިލޯމީޓަރުގެ ރޭސް 39 މިނިޓް 34 ސިކުންތުން ނިންމައިގެންނެވެ. އުމުރުން 40 އަހަރުގެ ޝަމްހާ އަތުގައި ކުރިން އެ ރެކޯޑު އޮތީ 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރު ޝަމްހާ ރެކޯޑު ހެދީ އޮސްލޯ މެރަތަންގައެވެ. އިއްޔެ ޝަމްހާ ނިންމި ރޭހުގައި އޭނާ ވަނީ އުމުރުފުރާ ކެޓަގަރީން ރަން މެޑަލްވެސް ހޯދައިފައެވެ.

ކާމިޔާބު ކޯޗު، ނަސްރުﷲ އަހުމަދު (ނަސްރު) އާއެކު ޓްރެއިނިން ހަދަމުން އަންނަ ޝަމްހާ ފަހަކަށް އައިސް ގިނަ ރެކޯޑުތަކެއް މުގުރަމުންދާ އިރު، އިއްޔެގެ ރޭހަށް ފަހުވެސް އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރި ނަސްރަށެވެ. ޝަމްހާ ބުނީ އިއްޔެގެ ރޭހަކީ އުނދަގޫ ރޭހެއް ކަމަށާއި މާބޮޑަށް ފިނިވުން އެއީ ރޭސް އުނދަގޫވި ސަބަބެއް ކަމަށެވެ.

ޝަމްހާ ސޯޝަލް މީޑިއާގައި ބުނީ އިއްޔެ ވެންޕޫލްގެ ފިނިހޫނުމިން ހުރީ ހަ ޑިގްރީ ސެލްޝިއަސްގައި ކަމަށާއި ދުވި ވަގުތު ވާރޭވެސް ވެހެމުންދިޔަ ކަމަށެވެ. އެ ހާލަތަށް ތައްޔާރުވެ ހުރެވުނީތީވެސް ޝަމްހާ ވަނީ ކޯޗު ނަސްރަށް ޝުކުރު އަދާކޮށްފައެވެ.

"(އިއްޔެގެ) ރޭހުގައި ދުވަން ޖެހުނީ އުނދަގޫ ހާލަތެއްގައި. ވަރަށް ފިނަ ގަދަކޮށް އިއްޔެ މޫސުން އޮތީ. ހަ ޑިގްރޭ ސެލިސިއަސްގައި ވާރޭގައި ދުވަސް ޖެހުނީ. ކޯޗު ބުނި އަބަދުވެސް ތަމްރީނުތައް ވައްޓާނުލައްޗޭ. އެ ވާރޭ ވެހުނު ނަމަވެސް ތަމްރީނުތައް ދޫނުކޮށްލައްޗޭ ބުނާނެ. މިއީ ވަރަށް ވަރުބަލިވި ނަމަވެސް އެންމެ އުފާވެރި ރޭސް. ކުރިއަށް އޮތް ޓްރެކް އިވެންޓްތަކަށް އިންތިޒާރު ކުރާނަން،" ޝަމްހާ ބުންޏެވެ.

ޝަމްހާއަކީ ފަސް ކިލޯމީޓަރުގެ ރޭސް، 20 މިނެޓަށްވުރެ އަވަހަށް ނިންމުމުގެ ޝަރަފު ހޯދި ދުވުންތެރިޔާވެސް މެއެވެ. ޖަރުމަންގައި މި މަހު ހަވަނަ ދުވަހު ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް 5 ކިލޯމީޓަރުގެ ރޭސް، 19 މިނިޓް 15 ސިކުންތުން ޝަމްހާ ނިންމާފައިވާ އިރު، އެއީ ރާއްޖޭގެ އެތުލެޓިކްސް ތާރީހުގައިވެސް މުހިންމު ކާމިޔާބީއެކެވެ.