Close
ޚަބަރު

ޖުމްހޫރީ ޕާޓީއާއެކު އިތުރު ބައްދަލުވުމެއް ބޭއްވި ވާހަކަ ސަލަފުން ދޮގުކޮށްފި

ރިފާ ހަލީލު

ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު އިތުރު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރި ވާހަކަ ޖަމިއްޔަތުއް ސަލަފުން ދޮގުކޮށްފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީއަށް ތާއީދު ހޯދުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މި މަހުގެ 20 ވަނަ ދުވަހު ސަލަފު އޮފީހުގައި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރު ބައްދަލުވުމެއް ސަން އައިލެންޑް ރިސޯޓުގައި ބާއްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަން ދޮގުކޮށް ސަލަފުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ގާސިމާއި ޖޭޕީ އާއެކު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް މިއަދާހަމައަށް ބާއްވާފައިނުވާ ކަމަަށެވެ. އަދި އިތުރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ހަބަރު ފަތުރަނީ ވަރަށް ޒިންމާދާރުކަމެއްނެތި ކަމަށް ބުންޏެވެ.

"ޖަމިއްޔަތުއް ސަލަފަށް ނިސްބަތްކޮށް ދޮގު ހަބަރު ފެތުރި މީޑިއާތަކުން މައާފަށް އެދި، ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް އިލްތިމާސްކުރަން،" އެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ.

ސަލަފުން ވަނީ ތެދުދޮގު ބެލުމެއް ނެތި ލިބޭހައި ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރުކަމާ އެކު ކަންކަމުގެ މައުލޫމާތު ނޫސްވެރިންނާއި އާންމުން ފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖޭޕީން ނިންމާފައިވާއިރު، އެ ޕާޓީން ވަނީ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ ގުޅިގެން ގުޅިފައިވާ މެނިފެސްޓޯއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފައެވެ.