Close
ޚަބަރު

މި އަހަރުގެ ރޯދަމަހަށް ދިރާގުގެ ކެމްޕެއިން ހާއްސަކޮށްފައިވަނީ މަންމައިންގެ އަގު ވަޒަން ކުރުމަށް

ކޮންމެ އަހަރެއްގެ ރޯދަމަހާ ގުޅުވައިގެން ދިރާގުން ހާއްސަ ޝިޔާރެއްގެ މައްޗަށް ބިނާކޮށް ޕްރޮމޯޝަންތަކަކާއި ހަރާކަތްތަކެއް ތައާރަފުކުރާއިރު، މި އަހަރުގެ ރޯދަމަހުގެ ކެމްޕެއިން މަންމައިންނަށާއި މަންމަގެ އަގު ވަޒަންކޮށް މަންމައާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ހާއްސަކޮށްފިއެވެ.

މި ޝިޔާރުގެ ދަށުން ދިރާގުން ވަނީ ހާއްސަ ކުރު ފިލްމެއްވެސް ތައާރަފުކޮށްފައެވެ. 'ލޯބި' ނަމަކަށް ކިޔާ އެ ކުރު ފިލްމުން ދައްކުވައިދެނީ ލޯ އަނދިރި ކުއްޖަކާއި އޭނާގެ ދައްތަ އެދެބެއިންގެ މަންމަގެ ކަރާ ފަނި ރެސިޕީ ހަމަ އެ ރަހައަށް ހެދުމަށް ކުރާ މަސައްކަތެވެ.

އއ. ތޮއްޑޫން މަންމަ މާލެއަށް ގޮސްފައިވަނިކޮށް، މަންމަ ހަދާ ކަރާ ފަނި އެގޮތަށް ހެދުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރެއެވެ. ނަމަވެސް މަންމަގެ އެ ކަރާ ފަނީގެ ރަހައެއް އެ ކުދިންނަކަށް ނުގެނެވުނެވެ.

ދިރާގުން ބުނީ، އެ ފިލްމުން ދައްކުވައިދެނީ އެތައް މީހަކު އެކި ކަންތައް ކޮށްދިނަސް މަންމަ ކޮށްދޭހާ ފުރިހަމަކޮށް ނުވަތަ އެގޮތަށް އެ ލޯތްބާއެކު ނުކުރެވޭނެ ކަން ކަމަށާއި އެހެންކަމުން ހާއްސަކޮށް މި ބަރާކަތްތެރި ރޯދަމަހުގައި މަންމަގެ އަގުވަޒަން ކުރުމަށާއި އޭގެ މުހިންމުކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެ ކުންފުނީގެ އެކި އިޝްތިހާރުތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ތަފާތު މުހިންމު އިޖުތިމާއީ މެސެޖްތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށް ބުންޏެވެ.

ދިރާގުގެ މިއަހަރުގެ ރަމަޟާން ކުރު ފިލްމު ބަލާލުމަށް: https://youtu.be/5xPqjEBBLvM