Close
ބޮޑީބިލްޑިންގ

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސަކަށް އަނެއްކާވެސް އިއްބެ

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސްގެ މަގާމަށް، ތިންވަނަ ދައުރަކަށް މިހާރުގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބު ކޮށްފިއެވެ.

އިއްބެ މަގާމަށް އިންތިހާބު ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. އިއްބެއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިއްބެގެ އިތުރުން އެކްސްކޯގެ އިތުރު ހަތަރު މަގާމަކަށްވެސް އާންމު ޖަލްސާގައި ވަނީ މެމްބަރުން އިންތިހާބު ކޮށްފައެވެ.

ނައިބު ރައީސް އަދި ހަޒާންދާރުގެ މަގާމަށް އަހުމަދު އައިމަން އިންތިހާބުކޮށްފައިވާ އިރު، އެކްސްކޯގެ އިތުރު މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އަހުމަދު ލިޒާމާއި މުހައްމަދު ނަޒީހު އަދި މުހައްމަދު ނާޝިދެވެ.

މީގެކުރިން އިއްބެ، ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު އަދާކުރެއްވި ދެ ދައުރުގައި ރާއްޖޭން ވަނީ ރަން ވަނަ ތަކެއް ހޯދައި، ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުމުގައި ކާމިޔާބީތަކެއް ހޯދައިފައެވެ.

އާ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު އިއްބެ ވިދާޅުވީ މިހާރު އޮތް ޓީމުގައި ތިބީ ޒުވާން، ކެރޭ އަދި ހިންގުންތެރީން ކަމަށާއި ހިލޭ ސާބަހަށް ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށާއި ގައުމަށް ހިދުމަތްކޮށްދިނުމުގައި ސާބިތުކަން ދައްކައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިއްބެއަކީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ބޮޑީބިލްޑިންގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން އޭނާއަކީ ދުނިޔޭގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ނައިބު ރައީސެވެ. އޭގެ ކުރިން 2019 ވަނަ އަހަރު އިއްބެ ވަނީ އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ.

އިއްބެއަކީ މަޝްހޫރު ބޮޑީބިލްޑިން ޖަޖެއްވެސް މެއެވެ. އެގޮތުން އިއްބެ ވަނީ މިދިޔަ އަހަރުގެ މެއި މަހު، ވިއެޓްނާމްގެ ހަނޯއިގައި ކުރިއަށްދިޔަ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސް - "ސީ ގޭމްސް" ގައިވެސް ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.