ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރަން ބޭނުންވާ އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމެއް ކަމަށެވެ. އެ ފިލްމުގެ ދިގު މިނަކީ 90 މިނިޓް ކަމަށްވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ފިލްމުގެ ސްކްރިޕްޓާއި ލީޑު ރޯލުގައި ހަރާކާތްތެރިވާ މީހުންނާއި އެ ފިލްމުން މައިގަނޑު ގޮތެއްގައި ފެންނަ މީހުން ހަމަޖައްސާނީ އެ ފިލްމު އުފައްދަން ހަވާލުވާ ފަރާތުން ކަމަށެވެ. ނަމަވެސް އެ ފިލްމުގެ ކުދިކުދި ރޯލުތަކަށް އެ މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރެވިދާނެ ކަމަށާއި ފިލްމުގައި ބައިވެރިވާ ކާސްޓުން ހޯދަން ޖެހޭނީ އެ މިނިސްޓްރީގެ ލަފާގެ މަތިން ކަމަށްވެސް ބުންޏެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، މި ފިލްމު ބިނާކުރާނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ފިލްމުގެ ވާހަކަތަކާއި ޑައިލޮގްތައް ހުންނަންވާނީ ދިވެހި ބަހުން ކަމަށާއި ފިލްމުގައި ހިމެނޭ ލަވަޔާއި ޑައެލޮގުތަކާއި ވާހަކަތަކުގެ ސަބްޓައިޓްލް ހުންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފިލްމުގައި ތީމު ލަވައެއް ހިމަންނަ ޖެހޭއިރު 30 ސިކުންތުގެ ޓްރެއިލާއެއްވެސް ހަދަންޖެހެއެވެ.

އެ ފިލްމު ތައްޔާރުކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 10:00ގެ ކުރިންނެވެ.