މިއަދުން ފެށިގެން މި ރޯދަމަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ. އޮންލައިންކޮށާއި ފައިސާއިންވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 1:00 ޖަހަންދެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި މާލެ ފިޔަވައި އެހެނިހެން ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަމަށްވެސް ބުންޏެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.
ފައިސާއިން ފިތުރު ޒަކާތް ދައްކަންޖެހޭ ނަމަ ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން 12 ރުފިޔާއެވެ. ރަތް ހަނޑުލުން 99 ރުފިޔާއެވެ. އާދައިގެ ބާސްމަތީ ހަނޑުލުން 84 ރުފިޔާއެވެ. މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާއެވެ. އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުންނަމަ 125 ރުފިޔާއެވެ. އާދައިގެ ފުށުން 12 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާއެވެ.
ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.