Close
ޚަބަރު

ރޯދައަށް ރައީސްގެ އިލްތިމާސް: އާއިލީ ގުޅުންތައް ބަދަހިކޮށް، ރުޅިވެރިކަމާއި ނަފުރަތުން އެއްކިބާވޭ!

މުހައްމަދު އިޝާން

މައިންބަފައިންނާއި އާއިލާގައި ތިބި އުމުރުން ދުވަސްމީ މީހުންނާ އެކުގައި ވަގުތު ހޭދަކޮށް، ރުޅިވެރިކަމާއި ނަފުރަތުން އެއްކިބާވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ ރޯދައިގެ އެންމެ މަތިވެރި ފިލާވަޅަކީ އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އަދި ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ ކެތްތެރިވުމާއި ތަހައްމަލު ކުރުމަށް ނަފުސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުމާއި އިސްރާފުކުރުންތަކުން ދުރުހެލިވެ، އިގުތިސޯދުކުރުމުގެ އާދަ ހަރުލެއްވުން ކަމަށެވެ.

ރޯދައިގެ އަހުލާގީ ފިލާވަޅަކީ ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިހުތިޔާރު ކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖުތިމާއީ ފިލާވަޅަކީ އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާ އެކު، އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ބަރަކާތްތެރި މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ގުރުއާނާއެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީހު ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ވަކިން ހާއްސަކޮށް، މި މައްސަރަކީ ހަސަދަ އާއި ރުޅިވެރިކަމާއި ނަފުރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި އިސްލާމީ އަހުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހައްދަވަމާ ހިންގަވާ. މައިންބަފައިންނާއި އާއިލާގައި ތިބި އުމުރުން ދުވަސްމީ މީހުންނާއެކުގައި ވަގުތު ހޭދަކޮށް، އެމީހުންގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރަމާ ހިންގަވާ،" ރައީސް ވިދާޅުވިއެވެ.

ރޯދަ މަހަކީ އަޅުކަމާއި ތަގުވާވެރިކަމުގެ މޫސުމެއް ކަމަށާއި ކީރިތި ގުރްއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވެ، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންޖެހޭ ކަމަށެވެ. މި މަތިވެރި މައްސަރަކީ މާތް ﷲ ދެއްވާ ވަރަށް އަގުހުރި ރަނުގެ ފުރުސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.