Close
ޚަބަރު

އިސްތިފާ އިބްރާހިމް މަނިކު އަވަހާރަވެއްޖެ

އިބްރާހިމް ޒަކީ

ރާއްޖޭގެ އަމަންއަމާންކަމާބެހޭ ދާއިރާގެ އިދާރީ އިސް މަގާމުތަކެއްގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ގ. އޯކަމް އިބްރާހިމް މުހައްމަދު މަނިކު (އިސްތަފާ އިބްރާހީމް މަނިކު) އުމުރުން 83 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އަވަހާރަވީ، މުސްކުޅި ބަލީގައި ހާލު ސީރިއަސްވެގެންނެވެ. އަވަހާރަވީ، ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭތާ މިއަދަށް 10 ވަރަކަށް ދުވަސްވެފައި ވަނިކޮށެވެ.

އަވަހާރަވި އިރު އިބްރާހީމް މަނިކުގެ ހުންނަވަނީ އަންހެން ދަރިކަނބަލެކެވެ. އަދި ކާފަ ވިދާޅުވާ ދެ ބޭފުޅުން ތިއްބަވައެވެ.

އޭނާގެ ކަށު ނަމާދު މިއަދުގެ މަގްރިބް ނަމާދަށްފަހު އޮންނާނީ މަސްޖިދުއްތައާވުން އާސަހަރާ މިސްކިތުގައެވެ.

އިސްތަފާ އިބްރާހިމް މަނިކު ވަނީ، މަހުކަމަތުލް އަމަންއާންމު އާއި ވުޒާރަތުލްއަމަންއާއްމުގެ އިތުރުން މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސް މަގާމުތަކެއް ވަނީ އަދާ ކުރައްވައިފައެވެ.

ރާއްޖޭގެ ތާރީހީ އިލްމުވެރިޔާ މުހައްމަދު ޝާތިރު ވިދާޅުވެފައިވަނީ، އިސްތަފާ އިބްރާހިމް މަނިކަކީ ރާއްޖޭގެ އަމަންއަމާންކަމުގެ ދާއިރާގެ އިދާރީ އެންމެ ބޮޑު ތަޖުރިބާކާރު ހިންގުންތެރިއާ ކަމަށެވެ.

ޕްރިޒަންސް ޑިވިޝަން އާއި ޑިޕާޓްމަންޓް އޮފް ކަރެންޝަންގެ ހިންގުމުގެ އިސްވެރިކަމާއި ސަރުކާރު މުއައްޒަފުންގެ ނާދީ އުފެދުނީއްސުރެ އެ ނާދީގެ އިދާރީ އިސްވެރިޔާކަންވެސް އޭނާ ވަނީ އަދާ ކުރައްވައިފައެވެ.

ޝާތިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ ފ. އަތޮޅުގެ މެންބަރު (1990ގެ އަހަރުތައް) ދިވެހި ގައުމުގެ އަމަންއަމާންކަމާއި ގައުމީ ސަލާމަތާއި ދިފާއީ އިސްމަގާމުތަކުގައި ބައިގަރުނު އޭނާ ހިދުމަތްކުރެއްވި ކަމަށެވެ.