Close
ވިޔަފާރި

ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ދިރާގުން ހަދިޔާއެއް، މިފަހަރުގެ ބޮޑު އިނާމަކަށް އުމުރާ ދަތުރެއް

މިއަހަރުވެސް ރަމަޟާން މަހަށް ހާއްސަކޮށް، ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކެއް ލިބިގެންދާނެ ޕްރޮމޯޝަންތަކެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން މިފަހަރުގެ "ރޯދަ ހަދިޔާ" ކެމްޕޭން ހާއްސަކޮށްފައި ވަނީ މަންމައިންނަށެވެ. މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ "ރޯދަ ހަދިޔާ" އާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން އެކުންފުނީގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން، ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި ކެމްޕެއިންގެ މަގުސަދަކީ މަންމައިންނާއި އާއިލާއާ އޮންނަ ގުޅުން ބަދަހިކޮށް، ވަރުގަދަކުރުމަށް ބާރުއެޅުން ކަމަށެވެ. އެއާއެކު މި ކެމްޕޭނުން ދޭން ބޭނުންވާ މެސެޖަކީ މަންމަގެ އަގު ވަޒަން ކުރުން ކަމަށްވެސް މިރުޝާން ވިދާޅުވިއެވެ.

މިރުޝާން އިތުރަށް ވިދާޅުވީ މިފަހަރުގެ ރޯދަ ހަދިޔާ ކެމްޕޭނުން މަންމައިންނާ ގުޅޭ ގިނަ ކޮންޓެންޓުތައް ރޯދަ މަހުގެ ތެރޭ ފެންނާނެ ކަމަށެވެ.

ދިރާގުން މިފަހަރުވެސް މޮބައިލް ކަސްޓަމަރުންނަށް ހާއްސަ ބޯނަސްތައްވެސް ތައާރަފު ކޮށްފައިވެއެވެ. އެގޮތުން ޑެއިލީ ބޯނަހާއި ބޯނަސް ގިފްޓު ޕުރޮމޯޝަނެއް ހިމެނެއެވެ. ޑެއިލީ ބޯނަސް އިން ރޯދަމަހުގެ ކޮންމެ ދުވަހަކު ފަތިހު ހަތަރަކުން ހެނދުނު ނުވައެއް ޖަހަންދެން ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ޑޭޓާ އެޑް-އޮން ރިޑީމް ކުރެވޭނެއެވެ. އަދި ބޯނަސް ގިފްޓު ފްރޮމޯޝަންގެ ދަށުން ކޮންމެ ގޮތަކަށް އެޑް-އޮން ނެގި ނަމަވެސް ދިިރާގުގެ އެޕްގައި ގިފްޓު ބޯނަސް ފީޗާ އަންލޮކްވާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ހަމަ އެއާއެކު ޑޭޓާ އެޑް-އޮން އާއި ވޮއިސް އެޑް-އޮން ވެސް ހަދިޔާގެ ގޮތުގައި ލިބުމުގެ އިތުރުން އެޑް-އޮން ގަތުމުން ހަދިޔާއަކަށް އިތުރު އެޑް-އޮންއެއް ލިބޭނެ ގޮތަށްވެސް ދިރާގުން ވަނީ ހަމަޖައްސައިފައެވެ.

މިފަހަރުވެސް ދިރާގުން ކޮންމެ ހަފުތާއަކު އެއް ފަހަރުވެސް އިނާމުތައް ދޭނެއެވެ. އެގޮތުން ރޯދަމަހުގެ ކޮންމެ ހަފުތާއަކު ވެސް ދިރާގުގެ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް 'މައިޑިއާ' މެގަ ހޯމް ޕެކެއް ލިބިގެންދާނެއެވެ. އެއީ ފްރިޖާއި މައިކްރޯވޭވާއި ދޮންނަ މެޝިނާއި ވެކިއުމް ކްލީނަރު އަދި ޑިޝްވޮޝާ ހިމެނޭ ޕެކޭޖެކެވެ.

ރޯދަމަހުގެ ތެރޭގައި 'ހަދިޔާ ޝޮޕް' މެދުވެރިކޮށް ތަފާތު ގިނަ އޮފާތަކެއް ކަސްޓަމަރުންނަށް ލިބޭނެ ގޮތަށްވެސް ދިރާގުން ހަމަޖައްސާފައިވާ އިރު، ދިރާގުގެ ފައިބާ ބްރޯޑްބޭންޑު ކަސްޓަމަރުންނަށް ހާއްސަ ބޫސްޓާ އޮފާއެއް ވެސް ރޯދަމަހަށް ތައާރަފު ކޮށްފައިވެއެވެ. އެގޮތުން 150 ޖީބީ އަދި 100 ޖީބީގެ ޑޭޓާ ޕެކް ބޭނުންކުރާ ކަސްޓަމަރުން ބޫސްޓާ އެކްޓިވޭޓު ކުރުމުން ދެ ގުނައަށް ޑޭޓާ ލިބިގެންދާނެއެވެ.

މިފަހަރު މުޅި ރޯދައަށް ނެގޭ ގުރުއަތުގައި ދިރާގުގެ ހާއްސަ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ ދެ މީހަކަށް އުމްރާ ދަތުރެކެވެ. އެ ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް ބޭނުންކުރަމުން އަންނަ ހުރިހާ ކަސްޓަމަރުންނަށް އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ. އޭގެ ތެރޭގައި މޮބައިލް ކަސްޓަމަރުންނާއި ބްރޯޑްބޭންޑް ކަސްޓަމަރުން ވެސް ހިމެނެއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ޑިޖިޓަލް އެންގޭޖުމެންޓުގެ އިތުރުން މުޖުތަމައަށް ފައިދާވާނެ ކަންކަން ކުރުމަށްވެސް ރޯދަމަހު އިސްކަން ދޭނެ ކަމަށެވެ. އޭގެތެރެއިން މަމްސް އެއިޑް ޖަމިއްޔާއާ ގުޅިގެން އެހީ ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށްވެސް ދިރާގުން ބުންޏެވެ. އަދި މިޝަން ފޯ މައިގްރަންޓް ވޯކާސް (އެމްއެމްޑަބްލިއު) އާ ގުޅިގެން މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމާއި 'ޑިޖިޓަލް ޝެއިހް' އާއެކު ދިރާގުގެ އޮންނައިލް ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ދީނީ ނަސޭހަތް ފޯރުކޮށްދިނުމާއި ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ މަގުފަހިކުރުންވެސް ދިރާގުން ރޯދައަށް ކުރަމުންދާ ހާއްސަ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.