ޚަބަރު

ރޯދަމަހު ތަކެތީގެ އަގު އުފުލުނަ ނުދޭން އެސްޓީއޯއިން އަންނަނީ މަސައްކަތް ކުރަމުން: އަމީރު

އިބްރާހިމް ޒަކީ

މި ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގު މަތިވިޔަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮންމެ ރޯދަމަހަކު ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާއިރު، މިފަހަރުގެ ރޯދަމަހަކީ، ތަކެތީގެ އަގުހެޔޮ މަހަކަށްވެ، ރައްޔިތުންނަށް ލިބޭ އާމްދަނީން ހަމަޖެހޭގޮތަކަށް ސަރުކާރުގެ ވިސްނުން އޮންނަން ވާނެ ކަމަށާއި، އެކަމަށް އަޅާ ފިޔަވަޅުތަކަކީ ކޮބައިތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، ޑިމާންޑަށް އަންނަ ބަދަލާ ގުޅިގެން ކޮންމެ ރޯދަމަހަކުވެސް އާއްމުގޮތެއްގައި ބާޒާރުގެ ތަކެތީގެ އަގު މައްޗަށްދާ ކަމަށެވެ.

އެކަމަށް ހައްލު ގެނައުމަށްޓަކައި އެސްޓީއޯއިން މިހާރުވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ

"އެސްޓީއޯއިން އިމްޕޯޓް ކޮށްގެން ސަޕްލައި އިތުރު ކޮށްގެން މާކެޓްގައި އަގު ތިރިކުރުމުގެ މަސައްކަތް އެގޮތަށް އަޅުގަނޑުމެން އެ މަސައްކަތް އެބަކުރަން"

މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ދަތިކަމުން ރާއްޖެ އަރައިގަނެ އިގްތިސޯދީ ދުވެލި މިހާރު ބާރު ކުރެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ހައްގުވާ އުޖޫރަ ދިނުމުގެ މަސައްކަތް ކުރަމު އަންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެގޮތަށް ޓީޗަރުންނަށް މިހާރު މުސާރަ އެބަދެވޭ ކަމަށާއި، އަންނަ މެއިމަހުން ފެށިގެން ޑޮކްޓަރުންގެ މުސާރަ ވެސް އެގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.