Close
ޚަބަރު

ރަސްދޫ ހައުސިން ޔުނިޓް ތަކުގެ މަސައްކަތް އޭޕްރީލްގައި ބަޔަކާ ހަވާލުކުރެވޭނެ: އަމީރު

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގެ ދަށުން، އއ.ރަސްދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަންނަ އޭޕްރީލްމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭވަރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރަސްދޫގައި ކުރިއަށް ގެންދިއުމަށް ޓެންޑާ ކޮށްފައިވާ 50 ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލު ކުރެވޭނެ ދުވަހަކާބެހޭގޮތުން، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، އެ މަސައްކަތް މިހާރު އޮތީ ނެގޯޝިއޭޓްގެ މަރުހަލާގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، "ބިޑް ހުޅުވައި އިވެލުއޭޓް ކުރެވި، ފަރާތަކާ ހަވާލު ކުރުމުގެ ކުރިން މިހާރު އޮތީ ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި، އަދި ނެގޯޝިއޭޓް ކުރުމުގެ މަސައްކަތް ނިންމައި އެވޯޑް ކުރުމުގެ މަސައްކަތް މި އޭޕްރިލް މަހުގެ ތެރޭގައި ނިންމުމަށް މިނިސްޓްރީން މަސައްކަތް ކުރާ ވާހަކަ ދަންނަވަން،" ކަމަށެވެ.

ހައުންސިން ޔުނިޓްތަކުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށް އެ މަސައްކަތް ނިންމައި އެތަންތަނަށް ރައްޔިތުންނަށް ވަދެވޭނީ ކިހާތާކުތޯ، ޝިޔާން ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރަސްދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅަކީ ވަރަށް އިސް ވައުދުފުޅެއް ކަމަށާއި އެ ވައުދުފުޅު ފުއްދުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ނިންމޭނެ ދުވަހެއް އޮންނާނީ ކޮންޓްރެކްޓްގެ ޑީޓޭލްގައި ކަމަށާއި، އެކަން އެނގޭނީ ކޮންޓްރެކްޓްގައި ސޮއިކުރާ ހިސާބުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އާއްމު ގޮތެއްގައި އެފަދަ މަޝްރޫއުތައް ނިމެނީ، 18 މަސްދުވަސް ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ހައުސިން މަޝްރޫއުތަކާބެހޭގޮތުން އެހެން މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ، ވަރަށް ގިނަ ރަށްތަކެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާއިރު، އެކި މަޝްރޫއުތަކުގެ މަސައްކަތް ހުރީ އެކި މަރުހަލާގައި ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު އަނެއްބައި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރެއިން "އެފްޑީސީ މެދުވެރިކޮށް ހުޅުމާލޭގައި 2000 ހައުސިން ޔުނިޓު ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އިތުރު 2000 ޔުނިޓު އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށް ޖުމްލަ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދޭ" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.