Close
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

މިއަހަރު ބޮޑީބޯޑިން ލީގު ފުޅާކޮށް، މާލޭގެ އިތުރުން ތުލުސްދޫއާއި ފުވައްމުލަކުގައިވެސް އިވެންޓްތައް ބާއްވަނީ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މިއަހަރު ބާއްވަން ހަމަޖައްސާފައިވާ މުބާރާތްތަކާއި ހާއްސަ ހަރަކާތްތައް ހިމެނޭ އަހަރީ ކަލަންޑަރު އިއުލާނު ކޮށްފިއެވެ.

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ރޭ ބޯޅަ ގޭގައި ބާއްވާފައިވާ އިރު، އަހަރީ ކަލަންޑަރު ގިނަ އިވެންޓްތަކަކާއެކު ވަނީ އިއުލާނު ކޮށްފައެވެ. މައިގަނޑު ތިން ކަމެއްގެ މައްޗަށް މިފަހަރުގެ ކަލަންޑަރު ހާއްސަކޮށްފައިވާ އިރު، އެއީ ގައުމީ ބޮޑީބޯޑިން ލީގާއި ގްރާސް ރޫޓް ކުރިއެރުވުމަށް މުޅިން އަލަށް ފަށައި، ހާއްސަ ޕްރޮގްރާމެއް ކަމަށްވާ "ހުދު ފޮނު"ގެ އިތުރުން އޮގަސްޓް މަހު ބާއްވާ އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ އިވެންޓް، މޯލްޑިވްސް ޕްރޯއަށެވެ.

މިފަހަރުގެ ވޯލްޑް ޓުއާ ރާއްޖޭގެ އިވެންޓް، މޯލްޑިވްސް ޕްރޯ އޮންނާނީ އޮގަސްޓް ތިންވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގައި ބާއްވާ އިވެންޓަކީ ވޯލްޑް ޓުއާގެ އިވެންޓްތަކުގެ ތެރެއިން ދެވަނައަކަށް އެންމެ ބޮޑު ފައިސާގެ އިނާމެއްވެސް ހުށަހަޅާފައިވާ އިވެންޓެވެ. ރާއްޖޭގައި ބާއްވާ އިވެންޓްގެ ޖުމުލަ ފައިސާގެ އިނާމަކީ 70،000 ޑޮލަރެވެ.

މިދިޔަ އަހަރުވެސް ރާއްޖޭގައި "ވިސިޓް މޯލްޑިވްސް ޕްރޯ 2022" ގެ ނަމުގައި ދުނިޔޭގެ ބޮޑީބޯޑިން ޓުއާގެ އިވެންޓެއް ހޯސްޓް ކޮށްފައިވާ އިރު، އެ މުބާރާތް ފެނުނީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ. ހާއްސަކޮށް ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުންނާއެކު ދިވެހި އެތުލީޓުންގެ ތަފާތުވެސް ފެނިގެން ގޮސްފައިވެއެވެ. ރާއްޖޭގެ ހޯސްޓިންނަށް އައިބީސީންވެސް ތައުރީފު ކޮށްފައިވެއެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުން މިދިޔަ އަހަރުވެސް ކާމިޔާބު މަސައްކަތަކެއް ކޮށްފައިވާ އިރު، ގައުމީ ބޮޑީބޯޑިން ލީގު މިފަހަރު މާލެއިން ބޭރަށް ފުޅާކުރަން އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. މޯލްޑިވްސް ބޮޑީބޯޑިން ލީގު 2023 ގައި މިފަހަރު ހަތަރު އިވެންޓެއް އެކުލެވެއެވެ. އެއީ ތިން ސަރަހައްދެއްގައި ބާއްވާ ހަތަރު އިވެންޓެކެވެ. މާލޭގައި މޭ މަހު ބާއްވާ ބުރުނު ޝިކާރަ ބޮޑީބޯޑިން ޗެލެންޖުން އަހަރުގެ ލީގު ފަށާ އިރު، ދެވަނަ އިވެންޓް ޖޫން މަހު އޮންނާނީ ފުވައްމުލަކުގައެވެ. އަދި އޭގެ ފަހުން ސެޕްޓެންބަރު މަހު ކ. ތުލުސްދޫގައި ރަނދާ ބޮޑީބޯޑިން ޗެލެންޖްވެސް ލީގުގައި އޮންނަ އިރު، ފަހު އިވެންޓް، ގައުމީ ބަނޑުފިއްލާ ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ބޮޑީބޯޑިންގެ ހުނަރު ކުރިއެރުވުމަށް ބޭރުގެ މާހިރުންގެ އިރުޝާދާއެކު މީގެ ކުރިން ބޮޑީބޯޑިން ކްލިނިކްތައް އެސޯސިއޭޝަނުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޖައްސާފައިވެއެވެ. މިއަހަރު ގްރާސް ރޫޓް ކުރިއެރުވުމަށް ރަސްމީކޮށް، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އަމާޒުކޮށް އެސޯސިއޭޝަނުން ވަނީ ވައިޑީޕީގެ ހާއްސަ ހުދު ފޮނު ބޮޑީބޯޑީން ޕްރޮގްރާމް ތައާރަފު ކޮށްފައެވެ.

ހުދު ފޮނު ޕްރޮގްރާމަކީ 16 އަހަރުން ދަށުގެ ބޮޑީބޯޑަރުން ތަމްރީނުކޮށް، ބޮޑީބޯޑިންގެ އެތުލީޓުން އިތުރު ކުރުމާއެކު އެ ކުޅިވަރަށް ކުދިންގެ ހޭލުންތެރިންކަން އިތުރުކޮށް ޝައުގު އުފެއްދުމަށް ހިންގަން ގަސްދުކޮށްފައިވާ ހާއްސަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ރައްކާތެރި އުކުޅުތައް ދަސްކޮށްދީ ބޮޑީބޯޑިންއިން ރާއްޖޭގައި އޮތް ފުރުސަތުތައްވެސް ކުދިންނަށް ކިޔާދެވޭނެ ކަމަށް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

ހުދު ފޮނު ޕްރޮގްރާމް އަމާޒުކުރެވިފައިވާ ރާއްޖޭގެ ސަރަހައްދުތައް
  • ށ. ކަނޑިތީމު - މޭ މަހުގެ 18 އިން 20 އަށް
  • ނ. ޅޮހި - މޭ މަހުގެ 25 އިން 27 އަށް
  • ބ. މާޅޮސް - ޖޫން 1 އިން 3 އަކަށް
  • ފުވައްމުލަށް ސިޓީ - ޖޫން 16 އިން 18 އަށް
  • މާލޭ ސިޓީ - ޖުލައި 28 އިން 29 އަށް
  • ކ. ތުލުސްދޫ - ސެޕްޓެމްބަރު 3 އިން 5 އަކަށް
  • ދ. ކުޑަހުވަދޫ - އޮކްޓޯބަރު 26 އިން 28 އަށް
  • ތ. ހިރިލަންދޫ - ނޮވެމްބަރު 9 އިން 11 އަށް

އެމްބީބީއޭގެ އިވެންޓްތަކުގެ އިތުރުން ހާއްސަ ދުވަސްތައް ފާހަގަކޮށް އަހަރު ނިންމާ ހާއްސަ އެވޯޑު ނައިޓެއް ވަނީ ބާއްވަން ނިންމާފައެވެ.