ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 7.33 ރުފިޔާ ބަހަން ނިންމައިފިއެވެ.
ދިރާގުން ބުނީ އެ އަދަދު ނިންމާފައިވަނީ ކްރޮސްރޯޑުގައި މޯލްޑިވްސްގައި ރޭ ބޭއްވި އެ ކުންފުނީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގައި ކަމަށެވެ. އެ ޖަލްސާގައި 125 ހިއްސާދާރުން ބައިވެރިވި ކަމަށާއި އެއީ 71.3 މިލިއަން ރުފިޔާ ތަމްސީލުކުރާ ހިއްސާދާރުންގެ އަދަދެއް ކަމަށް ދިރާގުން ބުންޏެވެ.
ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށް ކަމަށާއި އެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 7.33 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެކުންފުންޏަށް މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި އެއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 2.3 ޕަސަންޓުގެ އިތުރުވުމެއް ކަމަށެވެ. މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާ ވަނީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 11.8 ޕަސަންޓް އިތުރުވެފައި ކަމަށް ވެސް ދިރާގުން ބުންޏެވެ.
"މިއީ ދިރާގުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ސެގްމެންޓް ޕާފޯމެންސް ވަރުގަދަކުރުމުގެ ނަތީޖާ،" ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުން ބުނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 557 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައިވާ ކަމަށެވެ. އެއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66 ރުފިޔާގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.67 ރުފިޔާގެ މަގުން 431 މިލިއަން ރުފިޔާ ކަމަށް ދިރާގުން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި