އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ކުރި މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވައި، ސެކިއުރިޓީ ބްރީޗްވި ގޮތާ ބެހޭ ފުލުހުންގެ ރިޕޯޓެއް ލިބިފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފުލާއަށް ފަހު، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނު ވަޑައިގަންނަވަނިކޮށް، ޕީޕީއެމް އޮފީސް ކައިރިންނެވެ. އެވަގުތަކީ އާރަށު ކޮރަޕްޝަން މައްސަައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން މުޒާހަރާ ކުރަމުންދިޔަ ވަގުތެވެ.
ރައީސްގެ ކާރުކޮޅު ހުއްޓުވައި އެމަނިކުފާނު ކުރިއަށް ވަޑައިގަތުމަށް ފުރުސަތު ނުދިނުމުން، އެންމެ ފަހުން ރައީސްގެ މޮޓޯކޭޑު ފަހަތަށް އަނބުރާލައި، އެހެން މަގަކަށް އަޅައިގެން ދިޔައެވެ.
އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އިސްވެރިންނާ މުލިއާގޭގައި މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީން ކަމަށާއި އެ މިނިސްޓްރީން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"އެބޭފުޅުން (ޑިފެންސް މިނިސްޓްރީ) އެކަން ހިނގައިދިޔަ ގޮތް ބަލާނެ. ބަލާފައި މާދަމާ އޭގެ ރިޕޯޓެއް އަޅުގަނޑަށް އަރުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހާދިސާ ހިނގި ގޮތުގެ ރިޕޯޓެއް ފުލުހުން މިއަދު ހަވީރު އެމަނިކުފާނަށް އަރުވާފައިވާ ކަމަށާއި އެ ހާދިސާ ހިނގި ގޮތް ބައްލަވާނެ ކަމަށާއި ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެކަންވީ ގޮތެއް ބެއްލެވުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމްއެންޑީއެފުން މިއަދު ވަމީ ރައީސް ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައިފައެވެ. މި ކޮމެޓީއަކީ ދިފާއީ ބާރުގެ ލީޑާޝިޕްގެ މަޝްވަރާގެ މަތިން، ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ކޮމެޓީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން ވެސް ވަނީ އެކަހެރިކޮށްފައެވެ.
ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރު އިބްރާހިމް ހަލީމްއާ ވަނީ ހަވާލުކޮށްފައެވެ.
ރޭގެ ހާދިސާއަކީ ރާއްޖޭގައި ބޭއްވި މުޒާހަރާއެއްގައި ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އެޅި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު