Close
ޚަބަރު

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ރިފާ ހަލީލު

ރޯދަ މަހާ ދިމާކޮށް މިއަހަރުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފިއެވެ.

ސައުދީން މިއަހަރު ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ރާއްޖެ ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަދުރު ހަވާލު ކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސައޫދީ އަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.

ސަފީރު ވިދާޅުވީ ރާއްޖެއާއި އެ ގައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ގައުމުން ހެޔޮއެދޭކަމަށެވެ. އަދި އެ ގައުމާއި ރާއްޖެއާ އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް، އަދި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.

އަންނަ ހަފުތާގައި ކަދުރު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.