މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެންކުއްޖާ ފެނިއްޖެއެވެ.
މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އައީ މާލޭގައި ދިރިއުޅޭ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު (15އ) އެވެ. އޭނާ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ގެއްލިގެން ވަނީ ހޯދާފައެވެ. އޭރު އަޑު ފެތުރުނު ގޮތުގައި އޭނާ ފިލީއެވެ. މިފަހަރުވެސް އޭނާ ފިލިކަމަށް އަޑުފެތުރިފައިވެއެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ގެއްލިގެން ހޯދަމުންއައި އަންހެންކުއްޖާ ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
ޒީކްގެ ބައްޕަ މުހައްމަދު ރިޔާޒު "ވަން" އަށް މިއަދު ބުނީ، ޒީކް ފެނުނީ ރޭގެ ވަގުތެއްގައި މާލެތެރެއިން ކަމަށެވެ. އަދި އޭނާ ފެނުނީ އާއިލާއިން އޭނާ ހޯދަން ކުރި މަސައްކަތުން މާލޭގެ އެކި ހިސާބުތަކުން އެކި މީހުން ގާތު އަހައިގެން ކަމަށެވެ.
ޒީކްގެ ބައްޕަ މުހައްމަދު ރިޔާޒު "ވަން" އަށް އިއްޔެ ބުނީ، ޒީކް ފިލީ ކަމަށެވެ. ފުރަތަމަ ފަހަރު ޒީކް ފިލައިގެން ދިޔައީ ރައްޓެހި ކުއްޖަކާއެކު ބޭރަށް ގޮސްލަނީ ކަމަށްބުނުމަށްފަހުގައި ކަމަށެވެ. އެފަހަރު ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި ވަރަށް ނަސޭހަތްދިން ކަމަށާއި ދިމާވެގެން އުޅޭ މައްސަލަ ކިޔައިދިނުމަށްވެސް އެދުނު ކަމަށް ބުންޏެވެ.