Close
ޚަބަރު

ގާސިމްގެ ސްޕެޝިއަލް އެންވޯއީ ކަމަށް އިލްހާމް، ހަތަރު އެޑްވައިޒަކު ސްޕެޝަލް އެޑްވައިޒަރު ކަމަށް

އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރުކަމުގައި ހުންނެވި، ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ސްޕެޝަލް އެންވޯއީއަކަށް ޕްރޮމޯޓުކޮށް، އެޑްވައިޒަރުންގެ މަގާމުގައި ތިއްބެވި އެހެން ހަތަރު ބޭފުޅަކަށް ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުންނަށް ބަދަލު ކޮށްފިއެވެ.

މި ބޭފުޅުންނަށް ޕްރޮމޯޝަންދީ، ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިރުންގެ މަގާމަށް ބަދަލުވެގެން ދިއުމާއެކު، ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. އަދި އެޕާޓީގައި އެކި ފެންވަރުގައި ތިއްބެވި އެޑްވައިޒަރުންގެ އަދަދު މިހާރުވަނީ ޖުމުލަ 12 އަށް އަރާފައެވެ.

ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ މަމާގަށް ޕްރޮމޯޓު ކުރެއްވި ހަތަރު ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިންމަނިކާއި ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދައިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދެވެ.

އޭގެ އިތުރުން ޖޭޕީން ވަނީ ލީޑަރުގެ އެޑްވައިޒަރުންގެ މަގާމަށްވެސް އަލަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އަލަށް އެޑްވައިޒަރުކަމަށް އައްޔަން ކުރައްވާފައިވަނީ، އެ ޕާޓީގެ ހެޑުކުއާޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައިވާ ޔަޝްފާ އަބުދުލްގަނީއާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން އަބުދުލްގަނީ (ހަނަފީ) އާއި، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދުގެ އިތުރުން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއެވެ.

ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދުން އެޕާޓީގެ ލީޑަރު ގާސިމަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލަށް އައްޔަންކުރާ ދިހަ މެންބަރުންގެ ތެރެއިން ދެ ބޭފުޅަކުވެސް އިއްޔެވަނީ އައްޔަން ކޮށްފައެވެ. އެ ދެ ބޭފުޅުންނަކީ އިބްރާހިމް ޖިހާދުއާއި އަބްދުﷲ ރަޝީދެވެ.