މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފިއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ހަމައެކަނި ފިރިހެނުންނަށް ހާއްސަވެފައިވާ ކަމަށް ގަބޫލުކުރި ދާއިރާތަކަށް އެމްޓީސީސީން އަންހެނުން ނެރެދީފައިވާ ކަމަށެވެ.
"ހަގީގަތުގާވެސް އަންހެނުން ބާރުވެރިކުރުވުމުގައި އެމްޓީސީސީގެ ފަރާތުން ކުރަމުން އަންނަނީ ތައުރީފު ހައްގު މަސައްކަތެއް. ފިރިހެނުންނަށް ނޫނީ އަދާނުކުރެވޭނެ ކަމަށް ކުރިން ގަބޫލުކުރަމުން އައި ކިތަންމެ ދާއިރާއަކަށް އެތައް އަންހެނުންނެއް ނެރެދީފި. ބަސް ޑްރައިވަރުންގެ ގޮތުގައި އަންހެނަކު ފެނިދާނެ ކަމަށް މީގެ ކުރިން ގިނަބަޔަކު ގަބޫލެއް ނުކުރޭ. އަދި ލޯންޗު ކެޕްޓަނުގެ ވަޒީފާގައި އަންހެނުންނަށް އުޅެވޭނެ ކަމަށްވެސް ގިނަ ބަޔަކު ކުރިއަކުންނެއް ގަބޫލެއް ނުކުރޭ. ނަމަވެސް ހަގީގަތަކީ އެއީ ނޫންކަން އެމްޓީސީސީން ކިތަންމެ ރަނގަޅަކަށްވެސް ސާބިތުކޮށްދީފި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުނަރާއި މަސައްކަތުގެ ދާއިރާއިން މިންތީގެ ތަފާތުކަން ނައްތާލުމަށް އެމްޓީސީސީން ކުރަމުން އަންނަނީ ނަމޫނާ މަސައްކަތެއް ކަމަށާއި އެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުން ދުވަސް ފާހަގަކުރަނީ މުހިންމު ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. އެއީ މުޖުތަމައުގައި އަންހެނުންގެ ދައުރާއި ކާމިޔާބީތައް ދެނެގަނެ، އެކަން ފާހަގަ ކުރުމަށާއި އިގުތިސޯދީ އަދި ސިޔާސީ ގޮންޖެހުންތަކާއި މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަން ކަމަށެވެ.
މިއީ ޑިޖިޓަލް ޒަމާނެއް ކަމަށާއި މިފަދަ ޒަމާނެއްގައި އަންހެނުން ބާރުވެރިކޮށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ ޑިޖިޓަލް މާހައުލުގައި ހުރި މިންތީގެ ތަފާތުކުރުންތައް ނައްތާލެވިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަކީ ސަރުކާރު ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް. ސަރުކާރުގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭނުގާވެސް އިގުތިސޯދު ސިންދިފާތު (ޑައިވާސިފައި) ކުރުމަށް އައިސީޓީ އަދި މިންތީ ހަމަކަން ފަދަ ސަބް ސެކްޓާތަކަށް ރިއާޔަތްކުރެވިފައިވާނެ. އަދި އެކަންކަމާ ގުޅުވައިގެން ލާމަރުކަޒީކޮށް މަސައްކަތް ކުރުމަށްވެސް ހިމަނާފައިވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނެން ކަނޑަޅާފައިވާ ކަމަށާއި އެ ޕްލޭނުގައި ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމާއި ވަޒީފާތައް ދިނުމުގައި ޖިންސަށް ބަލާބެލުން ނައްތާލުމަށްވެސް ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުއައްސަސާތަކުން ސިޔާސަތުތައް ކަނޑައަޅާ އިރު، ދެ ޖިންސަށް ހަމަހަމަކޮށް ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ދައްކަމުން އައީ އަންހެނުން ވަޒީފާތާއި ފުރުސަތުތައް ހޯދައިދޭން ޖެހޭ ވާހަކަ ކަމަށާއި ނަމަވެސް ދެން ކުރަންވީ މަސައްކަތަކީ ސިޔާސަތު ކަނޑައެޅުމުގެ މަގާމުތަކުގައި އަންހެނުން ހިމެނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ،
ޚަބަރު
ޚަބަރު
ޚަބަރު