ގައުމުގެ ކަންކަން އިސްލާހުކުރަން ޕާޓީތަކާއެކު ކުރަމުން އަންނަ މަޝްވަރާތަކަށް ފަހު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްގެ ޒައީމް މައުމޫނާއި ފާރިސް މިއަދު ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފައެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގޭގައި ބޭއްވި އެ ބައްދަލުވުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ފާރިސް ވިދާޅުވީ، ގައުމުގެ ކަންކަން އިސްލާހުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ އޭނާ ވެރިކަމަށް ކުރިމަތިލެއްވުންކަމުގައިވާނަމަ އެކަން ކުރައްވާނެ ކަމަށެވެ،
"އެހެންނަމަވެސް އެހާ ހިސާބަށް ދިއުމުގެ ކުރިން އަޅުގަނޑުމެން ސިޔާސީ ގޮތުން މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު މަޝްވަރާ މިކުރަނީ، އެންމެ ރަނގަޅަށް ގައުމުގެ ކަންކަން އިސްލާހުކޮށް މިކަންކަން ހާސިލްކުރެވޭނެ މަގަކީ ކޮބައިތޯ ބެލުމަށް" ފާރިސް ވިދާޅުވިއެވެ.
ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ މައުމޫންއާ ނޫސްވެރިޔަކު ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، ފާރިސް އަކީ ވެސް މިހާރު "ބޮޑު ފިރިހެނެއް" ކަމަށާއި ވެރިކަމަށް ކުރިމަތިލުމަކީ ފާރިސްއަށް ވެސް އޮތް "ހައްގެއް" ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަކި ހާއްސަ ގޮތަކަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.